15 ސެޕްޓެމްބަރ 2017 - 11:49

ލަންޑަން (ސެޕްޓެމްބަރު 15) - ބެލޮންޑިއޯ އެވޯޑް ހޯދުމަށް ވުރެ ޓީމަށް ލިބޭ ކާމިޔާބީ މާ މުހިއްމު ކަމަށް ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.
ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑުން ހަޒާޑް ގެންދަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މިދިޔަ ޖޫން މަހު ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަޒާޑް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން ރެއާލުން އޭނާ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓާލި އެވެ.
އަނިޔާއިން ރަނގަޅުވެ ހަޒާޑް ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޗެލްސީން 6-0 އިން އަޒަރުބައިޖާނުގެ ގަރާބަގް އަތުން މޮޅުވި މެޗުގައި ކުޅެފަ އެވެ.
ޗެލްސީން އަންނަނީ ހަޒާޑްގެ މުސާރަ ބޮޑުކޮށް އޭނާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. ހަޒާޑް މިހާރު ޗެލްސީގެ ކޮންޓްރެކްޓުގައި ހުރީ 2020 ގެ ނިޔަލަށެވެ.
"އަހަރެން ޗެލްސީގައި މިހުރީ އުފަލުން. އެކަމަކު ކިހިނެއް އެނގެނީ ކޮންމެވެސް އެއް ދުވަހަކުން އަހަރެން ސްޕެނިޝް ލީގުގައި ނުކުޅޭނެ ކަމެއް،" ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން ސުވާލު ކުރުމުން ހަޒާޑް ބުންޏެވެ.
ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ބެލޮންޑިއޯ ލިބުނު ހަމައެކަނި ކުޅުންތެރިއަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ބެލޮންޑިއޯގެ ތާރީހަށް ބަލާއިރު އެ އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ސްޕެނިޝް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.
"އަހަރެން މާ ބޮޑު އިސްކަމެއް ބެލޮންޑިއޯ އަށް ނުދެން. އަހަންނަށް މާ މުހިއްމު ޓީމު. ޓީމުގެ ކާމިޔާބީ ހުރިހާ ވެސް އެއްޗަކީ. އަހަރެން މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައިދޭން،" އުމުރުން 26 އަހަރުގެ ހަޒާޑް ބުންޏެވެ.
މިދިޔަ ސީޒަނުގައި ޗެލްސީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގައި ހަޒާޑްގެ ދައުރު ބޮޑެވެ. އަނިޔާއިން ރަނގަޅުވެ ކުރީގެ ކުޅުން ދައްކަން ހަޒާޑް މަސައްކަތް ކުރަމުން އަންނައިރު، ޗެލްސީގެ ކީޕަރު ބެލްޖިއަމްގެ ތިބައު ކޯޓުއާ ދާދި ފަހުން ބުނީ ހަޒާޑް އަދި ހުރީ ފިޒިކަލީ ކުރީގެ ކުޅުން ދެއްކޭ ލެވެލްގައި ނޫން ކަމަށާއި އޭނާ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ނުކުންނާނީ ވާދަވެރި އާސެނަލާ ދެކޮޅަށެވެ.