14 ސެޕްޓެމްބަރ 2017 - 17:57

ރާއްޖޭގައި މިހާރު ހިންގަނީ ސިޔާސީ ގޮތުން ނަސްލެއް ނައްތާލުމުގެ މަސައްކަތެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މިޔަންމާގައި މުސްލިމުންގެ ނަސްލެއް ނައްތާލުމަށް ޖަރީމާ ހިންގާ ކަމުގެ ވާހަކަދައްކާއިރު ރާއްޖޭގައި މިއަދު ފެންނަނީ ސަރުކާރާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލުމުގެ މަސައްކަތް ކަމަށެވެ.
"މިއަންމާގައި ޖަރީމާ ހިންގާ ވާހަކަދައްކާއިރު ރާއްޖޭގައި ސިޔާސީ ގޮތުން ނަސްލެއް ނައްތާލުމުގެ މަސައްކަތްކުރަމުން ދަނީ. އެކަންކަން ވަގުތުން ހުއްޓާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އެއްވެސް ވަރަކަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް މެދުނުކެނޑި ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މިހާރު ކުރަމުން އަންނަ އަނިޔާތަކަށް ނިމުން އަންނާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވަންދެން ކުރިޔަށް ގެންދާނަން،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާ ދުނިޔޭގެ ޑިމޮކްރަސީގެ ދުވަސް ފާހަގަކުރާއިރު ސިޔާސީ އެތައް ލީޑަރުންނެއް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ ބޭފުޅުންނަށް އިއްވާފައިވަނީ ނުހައްގު ހުކުމްތަކެއްކަން އަމީތު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ މެދު ވެސް ސަރުކާރުން އަމަލުކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އެގޮތުން ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރުވާލީ ދިހަ ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމުން އެ ގައުމަށް އެތެރެވާން ދަތިތަކަކާ ކުރިމަތިވި ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"ގާސިމަށް އެ ގައުމަށް އެތެރެވެވުނީ އޭނާ އަނބިކަނބަލުން އަތުގައި ވޯކް ވިސާއެއް އޮތުމުން. ގާސިމް ސިންގަޕޫރަށް ސަރުކާރުން ފޮނުވާލީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޑިކޮމްރަސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހާއްސަ ޖަލްސާއެއް މ. ކުނޫޒްގައި ބާއްވަން ވަނީހަމަޖައްސައިފަ އެވެ. އަދި މާދަމާ ހަވީރު ހާއްސަ ސަޔެއް އެމްޑީޕީ ހަރުގޭގައި ބާއްވާނެ ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ބުންޏެވެ.