"ރަން އިން އައްޑޫ" އަށް ތައްޔާރު!
"ރަން އިން އައްޑޫ" އަށް ތައްޔާރު!

މާލެ ސަރަހައްދުން ބޭރުގައި، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށްވާ ޓީއެފްޖީގެ "ކޮކާކޯލާ ރަން އިން އައްޑޫ" ހޮނިހިރު ދުވަހު ހެނދުނު ފަށާއިރު ރޭހާ ގުޅޭ ހާއްސަ ހަރަކާތްތަކެއް މާދަމާ ވެސް އޮންނާނެ އެވެ.

"ރަން އިން އައްޑޫ" އަށް ތައްޔާރު!
"ރަން އިން އައްޑޫ" އަށް ތައްޔާރު!

މާދަމާ ހެނދުނު 9 ޖަހާއިރު ރޭހުގެ އެކްސްޕޯ ސ. ހިތަދޫ ސިޓީ ހޯލުގައި ފަށާނެ އެވެ. ހުކުރު ނަމާދަށް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް މެންދުރުފަހު 2 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ކުރިއަށްދާ މި އެކްސްޕޯގައި ރޭހުގެ ބައިވެރިންގެ ކިޓް ދޫކުރުން އޮންނާނެ އެވެ.

"ރަން އިން އައްޑޫ" އަށް ތައްޔާރު!
"ރަން އިން އައްޑޫ" އަށް ތައްޔާރު!

މާދަމާގެ އެންމެ ހާއްސަ ހަރަކާތް ފަށާނީ ހަވީރު 4:30 ގައި ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ސަރަހައްދުންނެވެ. އެންމެ ފުރަތަމަ އޮންނާނީ އުމުރުންދުވަސްވީ މީހުންގެ ހިނގުމެވެ. އަދި ހަވީރު 5 ޖަހާއިރު އޮންނާނީ ކުޑަކުދިންގެ ދެ ކިލޯމީޓަރުގެ ދުވުމެކެވެ.

"މިއީ ރޭހުގެ ކުރިން ކަސްރަތު ޕްރޮމޯޓްކުރުމުގެ ގޮތުން ބާއްވާ އިޖްތިމާއީ ބޮޑު ހަރަކާތެއް،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.

ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ ރޭހަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އައްޑޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. ހާއްސަކޮށް އައްޑޫ އަންހެނުންގެ ކޮމިޓީ އާއި ފަލަކް ސްޕޯޓްސްގެ އެހީތެރިކަން ޒިނާން ފާހަގަކުރެއްވި އެވެ.

މި ރޭހުގައި 300 ދުވުންވެރިން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އައްޑޫ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ ދުވުންތެރިން ވެސް ހިމެނެ އެވެ. މާލޭން ބައިވެރިވާ ދުވުންތެރިން އައްޑޫ އަށް ދިއުމަށް މިހާރު އަންނަނީ ދަތުރަށް ތައްޔާރުވަމުންނެވެ.

"އައްޑޫގެ ވަރަށް ގިނަ ބައިވެރިން ވެސް އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. އެގޮތުން ރޭހުގެ ވެނިއުގައި ވަރަށް ގިނަ ދުވުންތެރިން ފަރިތަކުރަމުން އަންނަ މަންޒަރު މިއަދު ހެނދުނު ވެސް ފެނުނު. އެންމެން ވެސް ތިބީ ރޭހަށް ކެތްމަދުވެފައި،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.

މި އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރުންނެވެ. އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.

ހާފް މެރެތަން (21 ކިލޯމީޓަރު) ފެށުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 6:45 ގަ އެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.

ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގައި 10 ކިލޯމީޓަރު ޖަހާއިރު ހުޅުމާލެ ވަށައި ދެ ބުރު ޖަހަން ޖެހުނު ނަމަވެސް މި ފަހަރު ރޫޓް ކަނޑައަޅާފައިވާ ގޮތުން ޖަހަން ޖެހޭނީ އެ ސަރަހައްދުގައި އެންމެ ބުރެކެވެ. ހުޅުމާލޭގައި ހާފް މެރެތަން ޖަހާއިރު ހަތަރު ބުރު ޖަހަން ޖެހުނަސް މި ފަހަރު އޮންނާނީ އެއް ބުރުގެ ރޫޓެކެވެ. އަދި މެރެތަން ޖަހާއިރު އަށް ބުރު ޖަހަން ޖެހުނު ނަމަވެސް މި ފަހަރު ޖަހަން ޖެހޭނީ ރޫޓުގެ ގޮތުން ދެ ބުރެވެ. އެއް ތަނެއް ވަށައިގެން ގިނަ ބުރުތަކެއް ޖެހުމުގެ ބަދަލުގައި އެއް ބުރު ނުވަތަ ދެ ބުރު ޖަހައިގެން ރޭސް ނިންމޭ ރާސްތާއެއް އޮތުމަކީ ދުވުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ރޭސް ކުރިއަށްދާއިރު އެކި ހިސާބުތަކުގައި ފެން ފޯރުކޮށްދިނުމަށް ވޯޓާ ސްޓޭޝަންތަކެއް ގާއިމްކޮށްފައި ހުންނާނެ އެވެ. ކޮންމެ ތަނެއްގައި ވެސް މޯލްޑިވްސް ރެޑްކްރެސެންޓުގެ އޮފިޝަލުން ތައްޔާރީ ހާލަތުގައި ތިބޭނެ އެވެ. އަދި މޮބައިލްކޮށް ވެސް ޓީމެއް ހަރަކާތްތެރިވާނެ އެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ.

މި ރޭހުގެ އިޖްތިމާއީ ޝިޔާރަކީ "ބްރޭކް ޔޯ ސްޕީޑް" އެވެ. އެގޮތުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރޭހާ އެކު މި ކެމްޕެއިން ކުރިއަށްގެންދާނެ އެވެ.

ޓީއެފްޖީއާ އެކު މި ފަހަރު ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ކޮކާކޯލާ ބައިވެރިވިއިރު އެހެން ހަ ކުންފުންޏަކުން ވެސް ވަނީ ޓީއެފްޖީއާ އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހެވެ.

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.