30 ޖޫން 2016 - 00:12

ހުއާވޭ ބްރޭންޑުގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ، ޕީ9 އަދި ޕީ9 ލައިޓް ފޯނު ރާއްޖޭގެ ބާޒާރަށް އުރީދޫ އިން މިރޭ ތައާރަފް ކޮށްފި އެވެ.

މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރުމަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ހުއާވޭ ކުންފުނީގެ މެނޭޖަރު ޑިވައިސް ބިޒްނަސް ސަންޖީވާ ލަންކަތު ވިދާޅުވީ އޭގައި ހިމެނޭ ޑުއަލް ކެމެރާ ލެންސު މެދުވެރިކޮށް ފުރިހަމަ ކުލަތަކާ އެކީ ނުވަތަ ބްލެކް އެންޑް ވައިޓް މޯޑުގައި ވެސް ފޮޓޯ ނެގޭނެ ކަމަށެވެ.

"މިއީ ޕްރޮފެޝަނަލް ކެމެރާ އެއްގައި މޮބައިލް ފޯނެއްގެ ފީޗާތައް ހިމަނާފައިވާ ކެމެރާ އެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އެންމެ މަޝްހޫރު ފޮޓޯގްރަފަރުން ވެސް މި ފޯނު ރެކޮމެންޑު ކުރޭ،" ސަންޖީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުއާވޭ ޕީ ސީރީޒް ފޯނުތަކުގައި މީގެ ކުރިން ހިމަނާފައިވާ އިންޑަސްޓްރިއަލް ޑިޒައިންގެ އެންމެ ޒަމާނީ، ފަހުގެ ޑިޒައިން ޕީ9 ފޯނުގައި ވެސް ހިމެނެ އެވެ. އަދި ފުރިހަމަ ޕަވަރާއި ސްޕީޑް، ކަނެކްޓިވިޓީ، މޮބިލިޓީ އަދި ބެޓަރި ލައިފް ވެސް މި ފޯނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫ އިން ވަނީ މި ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނާއި އަލަށް އުރީދޫ ނެޓްވޯކާ ގުޅޭ ކަސްޓަމަރުންނަށް ހާއްސަ އޮފާ އަގުތަކެއްގައި ވިއްކުމަށް ހަމަޖައްސާފައި އެވެ.
އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ "ހުއާވޭ ރޭޓް ޕްލޭން"ގެ ނަމުގައި އާ ޕޯސްޓްޕެއިޑް ރޭޓް ޕްލޭނެއް ތައާރަފް ކޮށްފަ އެވެ.
މި ޕްލޭންގެ ދަށުން ޑައުންޕޭމަންޓުގެ ގޮތުގައި 1،499 ދައްކައިގެން، މަހަކު 495ރ. ދައްކާ ގޮތަށް ޕީ9 ލައިޓް ފޯނު ގަނެވޭނެ އެވެ. މިއީ ހަ މަސް ދުވަހުގެ ޕްލޭނެކެވެ.
ޕީ9 ފޯނު ވިއްކަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ޕްލޭނެއްގެ ދަށުން، ޑައުންޕޭމަންޓުގެ ގޮތުގައި 2،499 ދައްކައިގެންނެވެ. އަދި މަހަކު ދައްކަންޖެހެނީ 495ރ. އެވެ.
މި ޕްލޭންތަކުގެ ދަށުން، ފޯނު ގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ހާއްސަ އިނާޔަތްތަކެއް ދެ އެވެ. އެގޮތުން ހިލޭ ކޯލް، އެސްއެމްއެސް އަދި ޑޭޓާ ހިމެނެ އެވެ.
ހުއާވޭގެ މި ފޯނު ގަންނަން ބޭނުންވާ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް އެ ކުންފުނިން ހާއްސަ ޕްލޭނެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެގޮތުން. އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ މި ޕްލޭންގައި އުރީދޫގެ ޕޯސްޓްޕެއިޑް 249، 399، 499، 749، 899 އަދި 999 ޕެކޭޖުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.
މި ޕްލޭނުގައި ހުއަވޭ ޕީ9 ލައިޓް ފޯނަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 1،499ރ. އެވެ. މަހުފީ ގޮތުގައި ދައްކަން ޖެހެނީ 245ރ. އެވެ. އަދި ހުއާވޭ ޕީ9 ފޯނަށް ޑައުންޕޭމަންޓުގެ ގޮތުގައި 2،499ރ. ދައްކަން ޖެހޭ އިރު މަހު ފީ އަކީ 495ރ. އެވެ.
އުރީދޫ އިން ވަނީ، އެއްފަހަރާ ފައިސާ ދައްކައިގެން ހުއާވޭގެ މި ފޯނު ގަންނަން ބޭނުންވާ ފަރާތަކަށް ހާއްސަ ޕްކޭޖުތަކެއް ތައާރަފް ކޮށްފަ އެވެ. މި ޕެކޭޖުގައި ހިލޭ ކޯލާއި ޑޭޓާ ލިބޭ އިރު ޕީ9 ލައިޓް ފޯނު ލިބޭނީ 3،799ރ. އަށެވެ. އަދި ޕީ9 ފޯނު ލިބޭނީ 7،599ރ. އަށެވެ.