14 ސެޕްޓެމްބަރ 2017 - 15:30

ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ށ. ފީވަކު ކައުންސިލްގެ ފަރާތުން އެ ރަށު މިސްކިތް، މަސްޖިދުލް އިއްތިހާދުގައި ބެހެއްޓި ފަންޑު ފޮށި ވަގަށް ނަގާފައި ވަނިކޮށް ފުލުހުން އެ ފޮށި ހޯދައި މީހަކު ހައްޔަރު ކޮށްފި އެވެ.
އެ ފަންޑު ފޮށި ހޯދާފައިވަނީ އެ މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެ އަށް އެއްލާލާފައި އޮއްވަ އެވެ.
ރަށު ކައުންސިލްގެ މެމްބަރު އަހްމަދު އާދިލް ވިދާޅުވި ގޮތުގައި ފަންޑު ފޮށި ފެނުނު އިރު ފޮށި އޮތީ ފަޅާލައިފަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 20 އަހަރުގެ ދިވެހި ފިރިހެން މީހާ ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން 350 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއްލާލާފައިވާ ފަންޑު ފޮށި ތެރެ އިން 7،900ރ. އާއި 100 ޑޮލަރު ފެނުނު ކަމަށެވެ.
ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.