14 ސެޕްޓެމްބަރ 2017 - 14:17

އިންޑިއާގައި އަންނަ މަހު ބާއްވާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައި މެޗު ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އަހުމަދު ޝާހިރަށް ލިބި، ވޯލްޑް ކަޕެއްގެ ފައިނަލް ބުރުން އެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ މެޗު ކޮމިޝަނަރުގެ ޝަރަފް އޭނާ އަށް ލިބިއްޖެ އެވެ.
މީގެ ކުރިން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރާއްޖޭގެ އެސިސްޓަންޓް ރެފްރީ އަހުމަދު ސައީދު ވަނީ ރޮނގު ބަލަހައްޓައިފަ އެވެ. އެކަމަކު މެޗު ކޮމިޝަނަރަކަށް އެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.
ފަހަކާ ޖެހެންދެއް ފީފާގެ މުބާރާތްތަކުގެ މެޗު ކޮމިޝަނަރުންނަށް ހަމަޖައްސަމުން އައީ ފީފާގެ އޮފިޝަލުންނެވެ. އެ ފުރުސަތު އެހެން ބައްރުތަކުގެ ކޮމިޝަނަރުންނަށް ދޭން ފެށިތާ ކައިރީގައި ދިވެއްސަކު، އެ މަގާމަށް ފީފާ އިން ހަމަޖެއްސުމަކީ ރާއްޖެ އަށް ލިބުނު ބޮޑު ޝަރަފެކެވެ. އެންމެ ފުރަތަމަ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ކޮމިޝަނަރުން ހަމަޖައްސާއިރު، ކުރިއަށް ހުރި ބުރުތަކުން ފުރުސަތު ދޭނީ މަސައްކަތަށް ބަލައިފަ އެވެ.
"މިއީ ރާއްޖޭގެ ކުޅިވަރުގެ އިދާރީ ހިންމުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބައިނަލްއަގްވާމީ އިދާރާތަކުން ބަލައިގަންނަކަމުގެ ހެއްކެއް. އަޅުގަނޑުމެންނަށް ވެސް ރަނގަޅު އަދި އިތުބާރު ލިބޭ ފަދަ މަސައްކަތްތަކެއް އިންސާފުވެރިކަމާ އެކު ކުރެވިފައިވާތީ މިފަދަ ފުރުސަތުތަކެއް ލިބޭނީ،" ވޯލްޑް ކަޕް ކޮލިފައިންގެ ގިނަ މެޗުތަކުގައި ކޮމިޝަނަރުކަންކޮށްފައިވާ ޝާހިރު ބުންޏެވެ.
ޝާހިރު ވަނީ މިދިޔަ މަހު މެލޭޝިއާގައި އޮތް ސައުތު އީސްޓް އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކާއި ސެމީ ފައިނަލާއި ފައިނަލް މެޗުގެ މެޗު ކޮމިޝަނަރުކަންކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލް މެޗާއި 2008 އާއި 2012 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވެސް އެ މަގާމް ފުރައިފަ އެވެ.
މެޗު ކޮމިޝަނަރުގެ މަގާމަކީ ފުޓްބޯޅަ މެޗެއްގެ އެންމެ ޒިންމާ ބޮޑު މަގާމެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ މެޗުތަކުގައި، މެޗުގެ ހުރިހާ ޒިންމާއެއް ނެގުމުގެ އިތުރުން ޓީމުތައް އެ ގައުމަކަށް އައުމާ ހަމައިން ފެށިގެން ތިބޭ ހޮޓަލާއި ސެކިއުރިޓީ އާއި ބްރޯޑްކާސްޓިން އާއި މީޑިއާ އާއި ސިއްހީ ކަންކަން ބަލަހައްޓައި އެކަންކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ މެޗު ކޮމިޝަނަރެވެ.