29 ޖޫން 2016 - 22:14

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ނެތި، އެ ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް އެމަނިކުފާނު މިއަދު އަންގަވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މައުމޫންގެ ހުއްދަ ނެތި، ޕީޕީއެމްގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް، އެމަނިކުފާނު ވަކިގޮތެއް އަންގަވަންދެން ނުބާއްވަން ނިންމަވައި އެކަން ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް އަންގަވައިފަ އެވެ. އެކަމަކު މިކަމާ ގުޅިގެން ތޮލާލް ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ މި ނިންމެވުން މިހާރު ވަނީ ޕީޕީއެމްގެ ކޮމިޓީތަކާއި ގުނަވަންތަކުގެ މުގައްރިރުންނާއި ލީޑަރުންނަށް ސެކްރެޓަރީ ޖެނެރަލް އަންގަވައިފަ އެވެ.
ޕީޕީއެމްގެ ކޮމިޓީތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެމަނިފާނު މި އެންގެވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި އިސްލާހުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޕީޕީއެމްގެ ކޮމިޓީތަކުގެ ބައްދަލުވުންތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެންގެވީ ވެސް އެނގިފައިވާ ގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިއަދު އިސްލާހުކުރި ފަހުންނެވެ.
އެގޮތަށް އެ އިސްލާހު ފާސްކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އިސްލާހު ފާސްނުކުރުމަށް މައުމޫން ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އެކަމަކު މަޖިލިހުން ވަނީ މައުމޫންގެ އެ އެންގެވުމާ ދެކޮޅަށް ވޯޓު ދެއްވައި، އިސްލާހު ފާސްކޮށްފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އެކަންޏެވެ. އެކަމަކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން އޮތީ، އިސްލާހު ފާސްކުރަން ތްރީލައިން ވިޕް ނެރެފަ އެވެ.