15 ސެޕްޓެމްބަރ 2017 - 07:27

ހަށިގަނޑަށް އެތެރެވޭ ކެލަރީ މަދުކޮށް، ކެއުން ވަކި ގޮތަކަށް ބައްޓަންކޮށްގެން ޓައިޕް 2 ޑައެބެޓީސް ފަސޭހަ ކުރެވިދާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށް އާ ދިރާސާއަކަށް ފަހު ސައިންވެރިން ބުނެފި އެވެ.
އަށް ހަފުތާ ވަންދެން ދުވާލަކު 600 ކެލޮރީޒް ލިބޭ ވަރަށް ކައިގެން، ހަކުރު ބަލި ޖެހިފައިވާ އެތައް މިލިއަން މީހުންނެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް މިފަހަރުގެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ނިއުކާސްލް ޔުނިވަސިޓީގެ ސައިންޓިސްޓުން ބުނަނީ މާގިނަ ކެލޮރީޒް ހަށިގަނޑުގައި ހުރުމުން ފެޓީ ލިވާ ނުވަތަ ފުރަމޭގައި ސަރުބީ ޖަހާ ކަމަށެވެ. މިކަމުގެ ސަބަބުން ފުރަމޭ އިން މާގިނައިން ގުލްކޯޒް އުފައްދަން ފަށަނީ އެވެ.
އިތުރުވެފައި ހުންނަ ފެޓްސް ދެން ދަނީ ޕެންކްރިއަސް އަށެވެ. މީގެ ސަބަބުން އިންސިއުލިން އުފައްދާ ސެލްތަކަށް އިންސިއުލިން އުފައްދަން ނުކުޅެދި ހަކުރުބަލި ޖެހެނީ އެވެ.
ޕެންކްރިއަސްގައި ހުރި ފެޓްގެ އެންމެ ގްރާމެއް މަދުކޮށްލެވުނަސް ޕެންކްރިއަސް އިން އަލުން އިންސިއުލިން އުފައްދަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ހަކުރުބަލި ފަސޭހަ ވާނެކަމަށް ސައިންސްވެރިން މިފަހަރުގެ ދިރާސާއިން ވަނީ ހޯދިފަ އެވެ.
ހަކުރުބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުން އެ ބަލި މުޅިން ނައްތާލައި އެމީހުންނަކީ ހަަކުރުބަލި ނުޖެހޭ ބަޔަކަށް ހެދޭނީ ބަލި ޖެހޭތާ ފުރަތަމަ 10 އަހަރުގެ ތެރޭގައި ސަރުބީ މަދުކުރެވިގެން ކަމަށް މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޕްރޮފެސަރު ރޯއީ ޓޭލާ ވިދާޅުވި އެވެ.
ކެލޮރީޒް މަދުން ހުންނަ ކެއުން ކައިގެން ހަށިގަނޑުގެ ބަރުދަން 15 ކިލޯ ގްރާމް ވަރު ދަށް ކުރަން ޖެހެ އެވެ. ބަރުދަން ލުއި ކުރުމުން ހަކުރުބަލި ރަނގަޅު ކުރެވޭ ކަމަށް މީގެ ކުރިން ވެސް ބައެއް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.
ހަކުރުބައްޔާ ގުޅޭ ދިރާސާތައް ކުރުމުގައި ގާތްގަނޑަކަށް 40 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ޕްރޮފެސާ ޓޭލާ ވިދާޅުވީ މި ކަމުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނީ ހަކުރުބަލި ޖެހިފައިވާ މީހުންނަށެވެ.
މިފަހަރުގެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި ކެލޮރީޒް މަދުން ހުންނަ ޑައެޓް ބޭނުންކުރަން ފަށާތާ ހަފުތާއެއްގެ ތެރޭގައި ނަތީޖާ ފެންނަން ފަށަ އެވެ. އިންސިއުލިން ސެންސިޓިވިޓީ ފާހަގަކޮށްލެވޭ ވަރަށް ދަށަށް ދާކަން ފާހަގަ ކުރެވެން ފަށަ އެވެ. ހަކުރުބަލި ހުންނަ މީހުންގެ އާއްމުކޮށް ވަރަށް މަތިކޮށް ހުންނަ ފާސްޓިން ބްލަޑް ޝުގާ ލެވެލް ހަމަ މި މުއްދަތެއްގެ ތެރޭގައި އާދައިގެ ގޮތަކަށް ބަދަލުވި އެވެ.
ހަކުރުބައްޔަކީ މާ ބޮޑު ގެއްލުމެއް ހުރި ބައްޔެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނަސް ޓައިޕް 2 ޑައިބެޓީސް އަކީ ވަރަށް ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހާޓް ފެއިލްވުމާއި ލޯ އަނދިރިވުން ކިޑްނީ ފެއިލް ވުމާއި އަނގުންތައް ހަލާކުވެ ބުރިކޮށްލަން ޖެހުން ފަދަ މައްސަލަތައް ހަކުރުބަލި ހުންނަ މީހުންނަށް ދިމާވެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަކުރުބަލި ޖެހިފައިވާ 380 މިލިއަނަށް ވުރެ ގިނަ މީހުން މުޅި ދުނިޔޭގައި އުޅެ އެވެ. ހަކުރުބަލީގެ މީހުން އެންމެ ގިނައީ އިނގިރޭސި ވިލާތުގަ އެވެ. އެ ގައުމުގައި 3.8 މިލިއަން މީހުން ހަކުރުބަލި ޖެހިފައި އެބަތިއްބެވެ.
ޕްރޮފެސާ ޓޭލާ ވިދާޅުވީ ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް އޭނާ ދޭ އުފާވެރި ޚަބަރަކީ ބަލި ޖެހިފައިވާތާ 10 އަހަރު ވެފައި ވިޔަސް ޕެންކްރިއަސް އިން ކޮންމެވެސް މިންވަރެއްގެ ފެޓްސް ބޭރުކޮށްގެން އެ ބަލި މުޅިން ފަސޭހަ ކުރެވިދާނެ ކަމެވެ. މިވަގުތު އެކަން ކުރެވެން އޮތީ ފާހަގަކުރެވޭ މިންވަރަކަށް ބަރުދަން ދަށްކޮށްގެން އޭނާ ފާހަގަ ކުރެއްވި އެވެ.
ޕްރޮފެސާ ޓޭލާ ވިދާޅުވީ ލެބޯޓްރީގައި އެ ބޭފުޅުން ކޮށްފައިވާ މަސައްކަތްތަކުން ދައްކަނީ އިންސިއުލިން އުފައްދާ ސެލްތަކުގައި ގިނައިން ސަރުބީ ޖަހާފައި ހުރުމުން އެ ސެލްތަކުގެ ޚާއްސަ ފަންކްޝަންތަކެއްގެ މަސައްކަތް ހުއްޓޭ ކަމަށެވެ. އެފަދަ ސެލްތައް ދެން ދަނީ ސަވައިވަލް މޯޑަށެވެ. މާނައަކީ އޭތީގެ ސަލާމަތް ހޯދުމަށް އޭތި މަސައްކަތް ކުރުމެވެ. މިފަދަ ސެލްތައް ޕެންކްރިއަސްގައި ހުއްޓަސް ހަށިގަނޑުގެ ސަލާމަތަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ނުކުރެ އެވެ. ނަމަވެސް އިތުރުވެފައިވާ ފެޓްސްތައް އެ ސެލްތަކުން ނެރެ ބޭރުކޮށްލެވިއްޖެ ނަމަ ސެލްއަށް ޚާއްސަވެފައިވާ ފަންކްޝަންތައް މަސައްކަތް ކުރަން ފަށައި އިންސިއުލިން އުފައްދަން ފަށަ އެވެ.
މި ދިރާސާ ކުރުމުގައި ބައިވެރިކުރި މީހުންނަށް ކެލޮރީޒް މަދުން ހުންނަ އެއްޗެތި ކާން ދިނުމުން ވަރުބަލިވެ ބަނޑުހައި ވުން ފަދަ އެއްވެސް ކަމެއް ދިމާނުވާ ކަމަށާއި އޭގެ ބަދަލުގައި އެމީހުން ފެނުނީ މާ ބޮޑަށް ސިއްހަތު ރަނގަޅުވެފައި ތިބި ބައެއްގެ ގޮތުގައި ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.