30 ޖޫން 2016 - 10:19

"ސްޓާ ވޯސް" ގެ ފިލްމުތައް ވުޖޫދަށް ގެނައި ޖޯޖް ލޫކަސް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން އެ ސީރީޒްގެ ފިލްމުތައް މިހާރު ވެސް މާ ރަނގަޅު ކަމަށް ބުނެ "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" ގެ ޑައިރެކްޓަރު ޖޭޖޭ އަބްރަމްސް އަށް، މަޝްހޫރު ޑައިރެޓަރު ޖޭމްސް ކެމަރަން ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

"އެވެޓާ" އާއި "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމުތައް ހަދާފައިވާ ކެމެރަން ބުނި ގޮތުގައި މި ފަހުން ގެނެސްދީފައި ހުރި "ސްޓާ ވޯސް" ގެ ފިލްމުތަކުގެ ސްޕެޝަލް އިފެކްޓްސް އަށް ވުރެ ލޫކަސް މީގެ އެތައް އަހަރެއް ކުރިން އެ ފިލްމުތަކުގައި ހަދާފައި ހުރި ސްޕެޝަލް އިފެކްޓްސް މާ ފުރިހަމަ އެވެ.
"ސްޓާ ވޯސް" ހަދަން ފެށީ 1977 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް އެ ސީރީޒްގެ އަށް ފިލްމެއް ބެލުންތެރިންނާ ހަމައަށް އަތުވެއްޖެ އެވެ.
"އަހަރެން ބުނާނީ ލޫކަސް ގެނެސްދިން ސްޓާ ވޯސްގެ ހަ ފިލްމުގައި ހުރި ސްޕެޝަލް އިފެކްޓްސްތައް ފަހުން ގެނެސް ދީފައި ހުރި ފިލްމުތަކުގެ އިފެކްޓްސްތަކަށް ވުރެ ހާސްބައި ފުރިހަމަވެފައި މޮޅޭ،" އޭނާ ބުންޏެވެ.
ކެމެރަން ބުނެފައި ވަނީ ޖޭޖޭ މިހާރު ޑައިރެކްޓް ކުރަމުން އަންނަ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ހުރި ފެންވަރެއް ބަލާލަން ވެސް ބޭނުންވާ ކަމަށެވެ.
"ފަހުގެ ފިލްމުތަކުގައި އާ ކެރެކްޓާސްތައް ވެސް ގެނެސްދީފައި ހުރި ގޮތާ ދޭތެރޭ ވެސް އަހަރެން އެހާ ހިތްހަމައެއްނުޖެހޭ،" އޭނާ ބުންޏެވެ. "އަހަރެން ޖޭޖޭ އަށް އިހުތިރާމު ވެސް ކުރަން. މި ފަހަރު ވަރަށް ބަލާލަން ބޭނުންވެފައި މި ހުރީ ރޯގް ވަން އިން ކޮން ކަހަލަ ހެޔޮ ބަދަލުތަކެއްތޯ ފެންނާނީ."
ލ. އަތޮޅުގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ މަންޒަރުތައް ޝޫޓް ކުރެވިފައި ހުރި ގޮތާ ދޭތެރޭ ޕްރޮޑިއުސަރުން ހިތްހަމަނުޖެހިގެން، އެ ފިލްމުގެ ވަރަށް ބޮޑު ބައެއް މިހާރު އަންނަނީ އަލުން ޝޫޓް ވެސް ކުރަމުންނެވެ.
އެ ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 14 ގަ އެވެ.
ކެމެރަން ކުރިން ނިންމައިގެން ހުރީ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރި 2009 ގެ ފިލްމް "އެވެޓާ" ގެ ދެވަނަ ބައި އަންނަ އަހަރުގެ ޑިސެމްބަރުގައި ސްކްރީނަށް ގެންނާށެވެ.
އެހެން ނަމަވެސް ލޫކަސްގެ "ސްޓާ ވޯސް: އެޕިސޯޑް 9" އަންނަ އަހަރުގެ ޑިސެމްބަރަށް ފަސް ކުރުމުން ކެމެރަން ވަނީ "އެވެޓާ 2" 2018 ގެ ޑިސެމްބަރަށް ފަސްކޮށްފަ އެވެ.
"ސްޓާ ވޯސް: އެޕިސޯޑް 9" ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
"އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ސްޓާ ވޯސްގެ ފިލްމްތަކާ ބޮޮކްސް އޮފީހުގައި ހަނގުރާމަ ކުރާކަށް. އެއީ ކުރުން ބުއްދިވެރި ކަމެއް ވެސް ނޫން،" ކެމެރަން ބުންޏެވެ. "އަނެއްކާ ސްޓާ ވޯސް ޓީމުން ވެސް ބޭނުމެއް ނުވާނެ އަހަރެމެންނާ ބޮކްސް އޮފީހުގައި ކުރިމަތިލާކަށް."
ބޮކްސް އޮފީހުގެ ރެކޯޑްތަކަށް ބަލާ އިރު "އެވެޓާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ޖުމްލަ 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޖޭޖޭ 2014 ވަނަ އަހަރު ގެނެސް ދިން "ފޯސް އެވޭކަން" އޮތީ 2.066 ބިލިއަން ޑޮލަރާ އެކު ތިން ވަނައިގަ އެވެ.
ދެވަނަ ވެސް އޮތީ ކެމެރަން އަތުގަ އެވެ. އެއީ "ޓައިޓޭނިކް" ހޯދި 2.187 ބިލިއަން ޑޮލަރާ އެކުގަ އެވެ.
ކެމެރަން ވަނީ "އެވެޓާ" ގެ ހަތަރު ފިލްމެއް ކުރިއަށް ތާވަލްކޮށްފަ އެވެ. ދެވަނަ ފިލްމް 2018 ގައި ރިލީޒް ކުރާ އިރު ތިން ވަނަ ބައި 2020، ހަތަރު ވަނަ ބައި 2022 އަދި ފަސް ވަނަ ބައި އަންނާނީ 2023 ގަ އެވެ.