ފިލްމު އިންޑަސްޓްރީގެ މީހުންނަށް އިހްތިރާމެއް ނެތް: ކަންގަނާ
ފިލްމު އިންޑަސްޓްރީގެ މީހުންނަށް އިހްތިރާމެއް ނެތް: ކަންގަނާ

ކަންގަނާ ރަނާވަތަކީ ހިތަށް އެރި ކޮންމެ އެއްޗެއް މީހުންނާ ދިމާލަން ކިޔާލަން ކެރޭ ބިރުކުޑަ ބަތަލާ އެކެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް އަނގަ ހުޅުވާލަން ނުކެރޭ މައުލޫތަކަށް ކަންގަނާ އެއްވެސް ޖެހިލުމެއް ނެތި ވާހަަކަ ދައްކަ އެވެ.

ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި އުޅޭ އެކްޓަރުންގެ ފިލްމުތައް ފްލޮޕްވާތީ އެމީހުންނަށް މަލާމާތްކޮށް ވެސް ދާދިފަހުން ކަންގަނާ ވަނީ ވާހަކަ ދައްކާފަ އެވެ. ކަންގަނާ ބުނި ގޮތުގައި ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަ ނުދައްކާ ސިއްރުކޮށްގެން ހުރުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އަދި ފިލްމު އިންޑަސްޓްރީގެ މީހުންނަށް އޭނާގެ ހިތުގައި ކުޑަވެސް އިހްތިރާމަކާއި ގަދަރެއް މިހާރު ނެތް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

އެހެންކަމުން އޭނާ ދައްކާ ވާހަކަތަކާ މީހުން ހިތްހަމަނުޖެހޭ ނަމަ ފިލްމު އިންޑަސްޓްރީ ދޫކޮށްލަން ވެސް ތައްޔާރުކަމަށް ވެސް ކަންގަނާ ބުންޏެވެ.

"އަހަންނަކީ އެކްޓަރެއް. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ކުރާނެ މަސައްކަތް ލިބޭނެ. އަހަރެން ދައްކާ ވާހަކަ މީހުންނަށް ހަަޖަމު ނުކުރެވުމަކީ އެމީހުންގެ މައްސަލައެއް. އަހަރެންނަކީ ވެސް ވަކި ފަރުދެއް. އެހެންވެ އަހަރެން ބޭނުން ވާހަކައެއް އަހަންނަށް ދެއްކޭނެ،" ކަންގަނާ ބުންޏެވެ.

ކަންގަނާ އިތުރަަށް ބުނިގޮތުގައި އޭނާއަށް މިހާރު ފިލްމު އިންޑަސްޓްރީން ގެއްލޭނެ އެެއްޗެއް ނެތެވެ. އޭނާއަށް އެތައް ބައިވަރު އެވޯޑުތަކެއް ލިބިފައިވެ އެވެ. އަދި އޭނާއަކީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާ ބަތަލާއިންގެ ތެރެއިން ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެއް ބަތަލާ އެވެ. އަދި އޭނާގެ ފިލްމުތައް ގިނަ ރެކޯޑްތަކެއް ވަނީ ހަދާފަ އެވެ. އެހެންކަމުން އޭނާ ބިރުގަންނަން ޖެހޭ ވަރުގެ އެއްވެސް ކަމެއް އޮތް ކަމަކަށް ކަންގަނާ ގަބޫލެއް ނުކުރެ އެވެ.

ބައެއް ފިލްމީ ތަރިން ބައެއް މައުލޫތަކަށް ވާހަަކަ ދެއްކުމަށް ދެކޮޅު ހަދާތީ އެފަދަ މީހުންނަށް ވެސް ކަންގަނާ މަލާމާތް ކުރި އެވެ. އޭނާ ބުނި ގޮތުގައި އެއްވެސް ކަމަކާ ގުޅޭ ގޮތުން އަމިއްލަ ޚިޔާލު ފާޅުކުރާކަށް އެއްވެސް އެކްޓަރަކަށް ނުކެރެ އެވެ. އޭގެ ބަދަލުގައި އެމީހުން ތިބީ ހޮރުހޮރަށް ވަދެފިލަ އެވެ. ނަމަވެސް އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށް ކަންގަނާ ދެކެ އެވެ.

އިންޑަސްޓްރީގެ މީހުންނަށް އޭނާ އިހްތިރާމް ނުކުރާ އެއް ސަބަބަކީ މިއީ ކަމަށާއި ހިތަށް އެރި ވާހަަކައެއް ދައްކާތީ އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނަސް އޭނާގެ ޝަކުވާއެއް ނެތް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ފިލްމު އިންޑަސްޓްރީ ދެކެ އޭނާ ހިތްހަމަނުޖެހޭ އެންމެ ބޮޑު ސަަބަބަކީ ވަރަށް ޒާތީ މައްސަލައެއް ކަމަށް ކަންގަނާ ބުންޏެވެ. ނަމަވެސް އެ ސަަަބަބުގެ މާ ތަފްސީލަކަށް އޭނާ ނުދެ އެވެ.

ކަންގަނާ ބުނީ އޭނާ ފިލްމީ މަސައްކަތުގައި އުޅޭނަމަ އެ އިންޑަސްޓްރީގެ މީހުންނަށް ރަނގަޅުވާނެ ކަމަށާއި ވަކިވެއްޖެނަމަ ވެސް އެއީ އޭނާއަށް ރަނގަޅަކަށް ދިމާވާނެކަމެއް ކަމަށެވެ.

ކަންގަނާ އެންމެ ފަހުން ކުޅުނު "ސިމްރަން" ހުކުރު ދުވަހު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މިފިލްމުގެ ކާމިޔާާބާއި ކަންގަނާގެ ފިލްމީ ކެރިއަރު ދެން ބައްޓަން ވެގެން ދާނެ ގޮތަކާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.