14 ސެޕްޓެމްބަރ 2017 - 12:17

ނިއު ދިއްލީ (ސެޕްޓެމްބަރު 14) - ބޮޑު ބޭބެގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިނދެ ވިހޭ އިންޑިއާގެ 10 އަހަރުގެ އަންހެން ކުއްޖާގެ ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާއާ އެކު ފުލުހުން އެހެން ތަހުގީގެއް ފަށައިފި އެވެ.
ކުރިން ބެލެވިފައި ވަނީ ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ ބޮޑު ބޭބެ ކަމަށެވެ. އަދި ބޮޑު ބޭބެ ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ރޭޕުގެ ދައުވާ ވެސް ކޮށްފަ އެވެ. ނަމަވެސް ފަހުގެ ފޮރެންސިކް ޓެސްޓުން ދައްކާފައި ވަނީ ކުޑަ ދަރިފުޅުގެ ޑީއެންއޭއާ ބޮޑު ބޭބެގެ ޑީއެންއޭ ދިމާ ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ކުއްޖާ އެބޯޓް ކުރުމުގެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ. އެހެންވެ މިދިޔަ މަހު ވަނީ 10 އަހަރުގެ އަންހެން ކުއްޖާ ހިފައިފަ އެވެ. ދިހަ އަހަރުގެ ކުއްޖާ ބުނެފައި ވަނީ ބަނޑުބޮޑުވިކަން ނޭނގޭ ކަމަށެވެ. އަދި އެ ކުއްޖާ ހަތް މަސް ވަންދެން ރޭޕްކޮށްފައި ވަނީ ބޮޑު ބޭބެ ކަމަށް ވަނީ ބުނެފަ އެވެ.
ކުއްޖާގެ ރޭޕާ ގުޅިގެން ތުހުމަތު ކުރެވުނު އުމުރުން 40 ގެ އަހަރުތަކުގެ ބޮޑު ބޭބެ ހައްޔަރުކޮށް ޚާއްސަ ކޯޓެއްގައި ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.
އޮފިޝަލުން ބުނެފައި ވަނީ ޑީއެންއޭ ޓެސްޓުގެ ނަތީޖާއާ ގުޅިގެން މި މައްސަލަ އެހެން ދިމާލަކަށް ބަދަލުވާނެ ކަމަށެވެ. އެ ކުއްޖާ އެހެން މީހުން ވެސް ރޭޕްކޮށްފާވާނެ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ. ކުއްޖާގެ ރޭޕާ ގުޅިގެން ތުހުމަތު ކުރި ބޮޑު ބޭބެ ކުށަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ.
"މި މައްސަލާގައި މިހާތަނަށް އެހެން ދިމާލަކަށް އެއްވެސް މީހަކު ވިސްނައިފައެއް ނުވޭ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުއްޖާ ވަނީ ރޭޕްކުރީ ބޭބެ ކަމަށް ކޯޓުގައި ބުނެފައި،" ތަހުގީގުގައި އުޅުނު އޮފިޝަލަކު ބީބީސީ އަށް ބުނެފައިވެ އެވެ.
ކުއްޖާގެ މަންމަ ވެސް ތަހުގީގުގައި ބުނެފައި ވަނީ ކުއްޖާގެ ރޭޕުގެ މައްސަލާގައި ބޭބެ އަށް ނޫން މީހަކަށް ތުހުމަތު ނުކުރާ ކަމަށެވެ.
ޑީއެންއޭ އާ ޓެސްޓާ ގުޅިގެން ފުލުހުންނާއި ކައުންސެލަރުން ވަނީ 10 އަހަރުގެ ކުއްޖާއާ އިއްޔެ ބައްދަލުކޮށްފަ އެވެ. ޑީއެންއޭ ޓެސްޓުގައި ގޯހެއް ނޫޅޭކަން ޔަގީން ކުރަން އަލުން ޗެކް ކުރަން ސީނިއާ ފުލުސް އޮފިޝަލަކު ވަނީ އެދިފަ އެވެ.
އެ ކުއްޖާގެ ދަރިވައްޓާލުމުގެ ހުއްދަ އަށް ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ ހުއްދަ ދީފައި ނުވަނީ ޑޮކްޓަރުންގެ ޕެނަލެއްގެ ލަފައާ އެކު އެވެ. ޑޮކްޓަރުން ބުނެފައި ވަނީ 32 ހަފުތާގައި ދަރިވައްޓާލުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.
މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.
ނަމަވެސް ފަހަކަށް އައިސް ވަނީ ރޭޕްކޮށްގެން ބަލިވެ އިންނަ މީހުންގެ ފަރާތުން 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމުގެ ހުއްދަ އަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަންތައް ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ ޑޮކްޓަރުންގެ ޚާއްސަ ޓީމެއްގެ ލަފާގެ މަތިންނެވެ.
ދިހަ އަހަރުގެ ކުއްޖާ ބަނޑު ބޮޑުވި މައްސަލަ ފަޅާ އެރީ އެ ކުއްޖާގެ މަންމަ އަށް ޝައްކުވެގެން ޑޮކްޓަރަކަށް ދެއްކުމުންނެވެ. އެހެން ގޭގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
- ކޮންމެ 155 މިނިޓަކުން 16 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ. ކޮންމެ 13 ގަޑިއިރަކުން 10 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ.
- ދެހާސް ފަނަރަ ވަނަ އަހަރު ވަނީ 10،000 އަށް ވުރެ ގިނަ ކުދިން ރޭޕްކޮށްފައި.
- ސަރުކާރުގެ ސާވޭއެއްގައި ބައިވެރިވި ކުދިންގެ 53 ޕަސެންޓް ވަނީ އެ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފައި.
- ޖިންސީ ގޯނާކޮށްފައިވާ ކުދިންގެ ތެރޭން 50 ޕަސެންޓަކީ އާއިލާގެ އިތުބާރު އޮންނަ ނުވަތަ އެހީތެރިވާ މީހެއްގެ ޝިކާރައަކަށްވެފައިވާ ކުދިން.