ފިލްމީ އާއިލާއަކާ ގުޅުމެއް ނެތި ކާމިޔާބު ހޯދި އަޔުޝްމާން
ފިލްމީ އާއިލާއަކާ ގުޅުމެއް ނެތި ކާމިޔާބު ހޯދި އަޔުޝްމާން

ފިލްމީ އާއިލާތަކުގެ އެކްޓަރުންނަށް އިސްކަންދީ އެމީހުންނަށް ރަނގަޅު ގޮތްގޮތް ހޯދައި ދިނުމަށް ފިލްމު އިންޑަސްޓްރީގެ އިސް މީހުން މަސައްކަތްކުރާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަކު ފިލްމީ ބަތަލު އަޔޫޝްމާން ކުރާނާ އަކީ އޭނާގެ ހުނަރާއި މަސައްކަތުން ބޮލީވުޑްގައި ރަނގަޅު މަގާމެއް ހޯދާފައިވާ ބޮލީވުޑުން އާއިލާއަކާ އެއްވެސް ގުޅުމެއް ނެތް ބޭރު އެކްޓަރެެކެވެ.

އަޔުޝްމާން ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން ކުރާ ދަތުރަކީ ތައުރީފު ހަައްގު ދަތުރެކެވެ.

މިދިޔަ ހަފުތާގައި އުމުރުން 33 އަހަރު ފުރުނު އަޔުޝްމާން ފުރަތަމަ މަސައްކަތްކުރީ އާރްޖޭ އެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ބައެއް ޓީވީ ޝޯތަކުގައި ބައިވެރިވި އެވެ. އޭނާއަށް ފުރަތަމަ ކުޅެން ލިބުނު ފިލްމަކީ 2012 ގައި ނުކުތް "ވިކީ ޑޯނާ" އެވެ. މި ފިލްމުވީ ގިނަ ބަޔަކު ހައިރާންކޮށްލި ކާމިޔާބެއް ހޯދި ފިލްމަކަށެވެ. އޭގެ ފަހުން އޭނާ ކުޅުނު ގިނަ ފިލްމުތަކެއް ވަނީ ކާމިޔާބުވެފަ އެވެ.

އަޔުޝްމާން އެންމެ ފަހުން ކުޅުނު "ބަރީލޭ ކީ ބަރްފީ" އާއި "ޝުބް މަންގަލް ސާވްދާން" ވެސް ވަނީ ހިޓް ވެފަ އެވެ. ނަމަވެސް އޭނާ ދެކެނީ އޭނާ އަކީ އިންޑަސްޓްރީން ބޭރު މީހެއް ކަމަށެވެ. އާއްމު އިންސާނެއް ކަމަށެވެ.

"ވިކީ ޑޯނާ" އިން ފެށިގެން "ޝުބް މަންގަލް ސާވްދާން" އާ ހަމަޔަށް އަޔުޝްމާން ކުޅުނު ފިލްމުތަކަކީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމުތައް ނަމަވެސް އޭނާގެ ގިނަ ފިލްމުތަކަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ފިލްމުގެ ކޮންޓެންޓް ރަނގަޅު ކަމުންނެވެ. އަދި ވަރަށް ޔުނީކް ކޮންސެޕްޓްތަކަށް ލިޔެފައިވާ ފިލްމުތައް ޚިޔާރުކުރަން އަޔުޝްމާން އަށް އެނގޭތީ އެވެ.

އަޔުޝްމާން އަކީ އިންގްލިޝް ލިޓްރޭޗާގެ މޭޖާ އެކެވެ. އެހެންކަމުން ލިޔުންތެރިންކަމަކީ ވެސް އޭނާގެ ހުނަރެކެވެ.

އަޔުޝްމާން ބުނި ގޮތުގައި އެއް ދުވަހަކުން އޭނާ ޔަގީނުން ވެސް ފިލްމު ސްކްރިޕްޓެއް ލިޔާނެ އެވެ.

އަޔުޝްމާން މިހާރު ކުޅެނީ "ދަ ޕިއާނޯ ޕްލެޔާ" އެވެ. މި ފިލްމުގައި އޭނާއާ އެކު ހަރަކާތްތެރިވާ ބަތަލާ އަކީ ތައްބޫ އެވެ. އޭނާ ބުނި ގޮތުގައި ތައްބޫ ކަހަލަ ހުނަރުވެރި އެކްޓަރުންނާއެކު ފިލްމު ކުޅެން އޭނާ އަަބަދުވެސް ޝައުގުވެރިވެ އެވެ. އެކްޓަރުންނަށް ވުރެ ވެސް މޮޅު ޑައިރެކްޓަރުންނާ އެކު ފިލްމުކުޅުމަކީ އޭނާ ބޭނުންވާ ގޮތެވެ.

"ދަ ޕިއާނޯ ޕްލޭޔާ"ގެ ޑައިރެކްޓަރު ޝްރީރާވް ރާގްވަން އަކީ ވެސް ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށް އަޔުޝްމާން ބުންޏެވެ. ހަމަ އެގޮތަށް "ވިކީ ޑޯނާ"ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާރް އާއި "ދަމް ލަގާގޭ ހައިޝާ"ގެ ޑައިރެކްޓަރު ޝަރަދް ކަޓާރިއާގެ މޮޅުކަމަށް ވެސް އަޔުޝްމާން ތައުރީފު ކުރި އެވެ.