29 ޖޫން 2016 - 22:44

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާ ދެކޮޅަށް، ޓްވީޓެއް ކޮށްގެން ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
އޭނާ މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިއުލާނު ނުކޮށް ރާއްޖޭގެ ރަށްތައް ދޫކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ރަށްތައް ދޫކުރަން ޖެހޭނީ އިއުލާންކޮށްގެން ކަމަށް ވެސް ޓްވީޓުގައި ވިދާޅުވެފައި ވެ އެވެ.
ނާދިރާ މިއަދު ވިދާޅުވީ މައުމޫނަށް ތާއީދު ކުރައްވައި އަދި "ސަރުކާރުގެ ސިޔާސަތުތަކަށް ފުށުއަރާ ގޮތަށް" ޓްވީޓް ކުރުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު މިއީ ގައުމުގެ ހައްގުގައި އޭނާ ވިދާޅުވި ވާހަކައެއް ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.
ވަޒީފާއިން ވަކިކުރުމުން ކުރެއްވި ޓްވީޓެއްގައި ނާދިރާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާއަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓު ނުދެއްވި ހަމައެކަނި މެމްބަރުގެ ގޮތުގައި ފާރިސް ހިމެނިވަޑައިގަންނަވަ އެވެ.
ނާދިރާގެ އިތުރުން ޕީޕީއެމްއަށް ނިސްބަތްވާ އެހެން ބައެއް މީހުން ވެސް އަންނަނީ މި މައްސަލައިގައި މައުމޫނާއި ފާރިސް އަށް ތާއީދުކުރަމުންނެވެ.