14 ސެޕްޓެމްބަރ 2017 - 10:32

މެންޗެސްޓާ (ސެޕްޓެމްބަރު 14) – މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މަދުވެގެން އެއް މަސް ދުވަހަށް އަދި ގިނަ ވެގެން ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބެލެވިއްޖެ އެވެ.
ޕޮގްބާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ބަސެލް އަތުން 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގަ އެވެ. އަނިޔާގެ ތަފްސީލް ބެލުމަށް އިއްޔެ އޭނާ ސްކޭން ހަދާފައިވާއިރު، މާދަމާ އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ތަފްސީލް ދޭނެ އެވެ.
އަނިޔާގެ ސަބަބުން ޕޮގްބާ އަށް ޕްރިމިއާ ލީގުގައި އެވަޓަން، ސައުތުހެމްޓަން އަދި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ލީގު ކަޕުގެ ތިން ވަނަ ބުރުގައި ބާޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ސީއެސްކޭއޭއާ ދެކޮޅަށް ވެސް ކުޅުމުގެ ފުރުސަތެއް ނެތެވެ.
އޭނާ އަށް ވޯލްޑް ކަޕް ކޮލިފައިންފައި ބަލްގޭރިއާ އާއި ބެލާރޫސްއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުތަކުގައި ވެސް ބައިވެރިނުވެވޭނެ އެވެ.