ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ފިރިހެން އެތުލީޓުންނަށް ބޮޑު
ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ފިރިހެން އެތުލީޓުންނަށް ބޮޑު

މަރަކީ ވަކި އުމުރެއްގެ ވަކި މީހަކަށް ހާއްސަ އެއްޗެއް ނޫނެވެ، ކޮންމެ ވަގުތަކު ވެސް މަރުވެދާނެ އެވެ. އެކަމަކު ހިތުގެ ބަލިތަކާ ދުރުވާން ކަސްރަތު ކުރުމާއި ހަރަކާތްތެރި ދިރިއުޅުމެއްގެ މުހިންމުކަން އެންމެންނަށް ވެސް ގަބޫލުކުރެވިފައި އޮންނައިރު ވަރުގަދަ ބައެއް އެތުލީޓުން ހިތް ހުއްޓިގެން މަރުވާ ޚަބަރު އިވެނީ މަދެއްކޮށެއް ނޫނެވެ.

ފަހުގެ ދިރާސާއަކުން ދައްކަނީ އެތުލީޓުންގެ ތެރެއިން ހިތުގެ މައްސަލަތަކުގައި ގިނައިން މަރުވަނީ ފިރިހެނުން ކަމަށެވެ. އަދި މި މީހުންނަކީ މާކުރިން ފެށިގެން ވެސް ހިތުގައި މައްސަލަ ހުންނަ މީހުންކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާއިން ދައްކަނީ މިފަދަ މަރުތަކުގެ މައިގަނޑު ސަބަބަކީ ހައިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީ ކަމަށެވެ. މިއީ ހިތުގެ އެއްފަޅި އާދަޔާ ހިލާފަށް ބޯވެ ހިތުގެ ހަރަކާތްތަކަށް ދަތިވާ ހިސާބަށް ދާން މެދުވެރިވާ މައްސަލައެކެވެ. ދިރާސާގައި ބުނެފައި ވަނީ މި މައްސަލަ ހުރި ނަމަވެސް އާންމު ގޮތެއްގައި އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނާނެ ކަމަށެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި މިއީ އާއިލީ ގޮތުން ވާރުތަވާ ކަމެކެވެ.

ދިރާސާއިން ދައްކަނީ ފިރިހެނުންގެ ތެރެއިން ކުއްލިއަކަށް މަރުވާ މީހުންގެ 40 ޕަސެންޓަކީ އިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީ ކަމަށެވެ. އެމެރިކަން ޖާނަލް އޮފް މެޑިސިންގެ ދިރާސާގައި ބުނެފައި ވަނީ އިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީގެ 50 ޕަސެންޓަށް ވުރެ މަތީ މިންވަރެއް ފިރިހެނުން ހިއްސާކުރާއިރު އަންހެނުންގެ މެދުގައި މި މައްސަލަ ހުންނަ އުޅެނީ 1 ޕަސެންޓް ކަމަށެވެ.

"އިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީ އަކީ ފިރިހެން އެތުލީޓުންނާއި އެފްރިކާ ނަސްލުގެ އެމެރިކާ ފިރިހެނުން ކުއްލިއަކަށް މަރުވާން ދިމާވާ އާންމު ސަބަބެއް ކަމަށް ވަނީ އެނގިފައި. އެކަމަކު މިއީ އަންހެން އެތުލީޓުން މަރުވުމުގައި ނާދިރު ސަބަބެއް،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ ބެރީ މޭރޮން ވިދާޅުވެފައިވެ އެވެ.

- އިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީގެ ސަބަބުން، އަންހެން އެތުލީޓަކަށް ވުރެ ފިރިހެން އެތުލީޓެއް މަރުވުމުގެ ފުރުސަތު 6.5 ގުނަ އިތުރު

- ދޮން ނަސްލުގެ މީހުންނަށް ވުރެ ކަޅު ނަސްލުގެ މީހުން މި މައްސަލައިގެ ސަބަބުން މަރުވުމުގެ ފުރުސަތު ފަސް ގުނަ އިތުރު

- ބާސްކެޓް ކުޅުންތެރިންގެ ތެރެއިން، ކަޅު ނަސްލުގެ އަންހެން ކުޅުންތެރިއަކަށް ވުރެ ފިރިހެން ކުޅުންތެރިއަކު އިޕަޓްރޮފިކް ކާޑިއޯމަޔޯޕަސީގައި މަރުވުމުގެ ފުރުސަތު ތިން ގުނަ އިތުރު

- ކުއްލިއަކަށް މަރުވެފައިވާ އެތުލީޓުންގެ ތެރެއިން "އާދައިގެ" ހިތެއް ހުރި ކަމަށް ދައްކަނީ ފަސް ޕަސެންޓަށް ވުރެ މަދު މީހުންގެ