15 ސެޕްޓެމްބަރ 2017 - 10:59

ޢަރަބި ބަހުގެ ލަފުޒެއް ކަމުގައިވާ "ލަހްވު" އަކީ ލަވަޔާއި މިޔުޒިކްގެ މާނައިގައި ބޭނުން ކުރެވޭ ލަފުޒެކެވެ. ލަވަޔާއި މިޔުޒިކްގެ ހުކުމާ މެދު ބައެއް ޢިލްމުވެރިން ޖުމްލަ ގޮތެއްގައި ހަރާމް ކަމަށް ވިދާޅުވާތީވެ "ލަހުވު"ގެ މާނަ ވެސް ބައެއް މީހުންނަށް ދޭހަ ވެފައި ވަނީ ޙަރާމް ކަމެއްގެ ގޮތުގައި އެކަންޏެވެ.
ނަމަވެސް ބަސްފޮތްތަކާއި ކީރިތި ޤުރުއާނާއި ސުންނަތުގައި "ލަހްވު"ގެ ލަފްޒު ބޭނުންކުރެވިފައި ވަނީ ހަމައެކަނި ޙަރާމް ނުވަތަ މަކްރޫހަ ކަމެއްގެ ގޮތުގައި ނޫން ކަން ފާހަގަވެ އެވެ. އެހެންވެ މި ލަފުޒުގެ ހަގީގީ މާނަތަކަށް ބަލައިލުން ބޭނުންތެރި އެވެ.
ވަކިން ޚާއްޞަ ކޮށް ލަވަޔާއި މިޔުޒިކް ޖުމްލަ ގޮތެއްގައި ޙަރާމް ކަމަށް ވިދާޅުވާ ޢިލްމުވެރިން ކީރިތި ޤުރުއާނުން އެކަމަށް ދައްކަވާ ދަލީލުގައި ވެސް ބޭނުން ކުރެވިފައިވާ ލަފުޒަކީ "ލަހްވު"ގެ ބާވަތެއް ކަމަށް ވާއިރު މި ލަފްޒުގެ ހަގީގަތް ދެނެގަންނަން ޖެހެއެވެ.
ޢަރަބި ބަހުގެ އެންމެ މުހިންމު މަރުޖިއު ކަމުގައިވާ ލިސާނުލް ޢަރަބްގައި "ލަހްވު" ގެ މާނަ އަކީ ތިމާ އެކަމެއްގައި މަޝްޣޫލުވެ އެކަމަކުން ފޫހިފިލައި އެކަމުގެ މަޖަލުގައި ޖައްސުވާ ކޮންމެ ކަމެކެވެ. މިގޮތުން ނަފްސަށް ހަމަޖެހުން ގެނުވާ އެކި ކަހަލަ މުނިފޫހިފިލުވުމުގެ ކަންކަމާއި ތަފާތު ކުޅިވަރުތަކަކީ "ލަހްވު" އެވެ. މީހަކު ދައްކާ ވާހަކައަކަށް ތިމާ ގަޔާވެ އެކަމުން ފޫހިފިލާ ނަމަ އެ ވާހަކަ ދެއްކުން ވެސް ވެގެން ދަނީ "ލަހްވު" އަކަށެވެ.
ލިސާނުލް ޢަރަބްގައި އިތުރަށް އެ ލަފުޒު ޝަރަޙަ ކުރަމުން އިބްނު މަންޡޫރު ވިދާޅުވެފައި ވަނީ ވަކި ކަމެއްގައި މަޝްޣޫލުވުމުގެ ސަބަބުން އެހެން ކަންކަމުން "ލަހްވު" ވެދެ އެވެ. އެބަހީ އެހެން ކަންކަން ހަނދާން ނެތުން ނުވަތަ ޒިކުރު ކުރުން ދޫކޮށްލުން ނުވަތަ އެ ކަންކަމުން ތިމާ ޣާފިލު ވުމެވެ. ވީމާ މިއިން ކަމެއް މެދުވެރި ކުރުވާ ކޮންމެ ކަމެއް ވެގެންދާނީ "ލަހްވު" އަކަށެވެ.
މިގޮތުން ޢަރަބި ބަހުގައި ކައިވެންޏަށާއި، އަންހެނުންނަށާއި، ދަރިންނަށް ވެސް "ލަހްވު" ކިޔަ އެވެ. އަދި އެއްދާން ކުރުމަށް ވެސް "ލަހްވު" ކިޔަ އެވެ. އަދި މުނިފޫހިފިލުވުމަށް ބޭނުން ކުރާ އެއްޗެއްސަށާއި ކަންކަމަށް "މަލާހީ" ކިޔަ އެވެ. ސަބަބަކީ އެ ކަންކަމާއި އެއްޗެހިން ފޫހިފިލުވުމާއި ހިތްހަމަޖެހުން ގެނުވައިދޭ ހިނދު އެހެން ކަންކަމުން ހަނދާން ނައްތުވާލައި ހަމައެކަނި އެކަންކަމުގައި މަޝްޣޫލު ކުރުވާތީ އެވެ.
ޢަރަބި ބަހުގެ އެހެން ބަސްފޮތްތަކަށް ބަލާއިރު ވެސް "ލަހްވު" ގެ މާނައެއްގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ފޫހިފިލުމާއި މަޖަލަކަށްވުމާއި ގަޔާވުމާއި ހިތްހަމަޖެހުން ފަދަ ކަމެއް ހިމެނިގެން އެކަމެއްގައި މަޝްޣޫލުވާ ކަންކަމަށެވެ. މިކަންކަމަށް މިސާލު ގެނެސްފައި ގިނައިން ހުންނަނީ ރަނގަޅު ކަންކަމުން މީހާ ދުރުހެލި ކުރުވާ ކަންކަމަށެވެ.
އެހެން ނަމަވެސް އޭގެ މާނަ އަކީ ކޮންމެ "ލަހްވު" އަކީ ރަނގަޅު ކަންކަމުން އެކަނި ދުރުހެލި ކުރުވާ ކަންކަމެއް ނޫނެވެ. ކޮންމެ ކަމަކުން ވިއަސް ދުރުހެލި ކުރުވައި އެކަމެއް ހަނދާން ނައްތުވާލާ ކޮންމެ ކަމެއް ވެސް ވާނީ "ލަހްވު" އަކަށެވެ. ކުރިން އިޝާރާތް ކުރި މާނަތަކަށް ބެލުމުން މިކަން ސާފު ވެ އެވެ. ހަމަ އެފަދައިން ކޮންމެ "ލަހްވު" އަކީ ގޯސް ކަމަކަށް ވުން ވެސް ލާޒިމެއް ނޫނެވެ. މިސާލަކަށް ކައިވެންޏާއި، ދަރިން ލިބުމާއި، އެއްދާން ކުރުމާއި މިއީ ހައްތަހާވެސް (އޭގެ ޒާތުގައި) ހުއްދަ ކަންކަމެވެ.
ކީރިތި ޤުރުއާނަށް ބަލާއިރު ވެސް "ލަހްވު" އަކީ ހުރިހާ ހާލަތެއްގައި ނުރަނގަޅު ކަންކަމުން ދުރުހެލި ކުރުވާ ކަންކަން އެކަންޏެއް ނޫނެވެ. މިސާލަކަށް އަލްޖުމްޢާ ސޫރަތުގެ 11 ވަނަ އާޔަތުގައި "ލަހްވު"ގެ ވާހަކަ އައިސްފައި ވަނީ އޭގެ ކުރީގެ ދެ އާޔަތުން ފެށިގެން، ފަރުޟު ކަމަކާއި، ޟަރޫރީ ކަންތައްތަކަކާއި، ހުއްދަ ކަންތައްތަކަކާ އެކުގަ އެވެ.
އާދެ، ހުކުރު ނަމާދާއި ގަނެވިއްކުމާއި ބިމުގައި ދަތުރު ކުރުމާއި ﷲގެ ފަޟްލަވަންތަކަން ހޯދަން މަސައްކަތް ކުރުމާއި ޒިކުރު ކުރުމާއި ވިޔަފާރި ކުރުމާއި މިކަންކަމާ އެކުގަ އެވެ. އެ އާޔަތްތަކުގައި "ލަހްވު" ގެ ވާހަކަ ބަޔާން ކޮށްފައި ވަނީ އެކަމާއި ވިޔަފާރި ކުރުމަށް ވުރެ އެހެން ކަމެއް މާ ހެޔޮވެގެންވާ ކަމުގަ އެވެ.
އާދެ، އެއީ ﷲ ގެ ހަޒްރަތުން ލިބެން އޮތް ސަވާބާއި ދަރުމަ އެވެ. މިގޮތަށް ބަޔާން ކުރުމުގެ މަގުސަދަކީ އެ ދަރުމަ ލިބެނިވި ކަންކަން ދޫކޮށްލާފައި "ލަހްވު" އަށް ނުވަތަ "ތިޖާރާ" އަށް ދިއުމަކީ ގޯސް ކަމެއް ކަން އެންގެވުމަށެވެ. އަދި ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް އެކަމެއްގެ ވަގުތުގައި އެކަމަކަށް ދޭންވާން އިސްކަން ދީގެން ކުރަން ޖެހޭނެކަމުގެ އިޝާރާތެއްގެ ގޮތުގަ އެވެ.
ދިރިއުޅުމުގައި ފަރުޟާއި ވާޖިބު އަދި އެއަށް ފަހު ޟަރޫރަތްތަކާއި ބޭނުންތައް އޮންނަ ހިނދު އެކަންކަމުގެ ކުރިއަށް ހުއްދަ ކަންކަމާއި ފުރިހަމަ ކުރުމުގެ ގޮތުން ކުރާ ކަންކަން އައިސްގެން ނުވާނެކަން ބަޔާން ކުރުމަށެވެ. މިސާލަކަށް ނަމާދު ވަގުތު ޖެހުނީމާ ނަމާދު ފިޔަވައި އެ އާޔަތްތަކުގައި ބަޔާންވެފައި އެވާ އެހެން އެއްވެސް ކަމެއް ކުރުން ހެޔޮވެގެން ނުވާނެ އެވެ. މި އެހެން ކަމަކީ ދިރިއުޅުމަށް މަސައްކަތް ކުރުން ފަދަ ޟަރޫރީ ކަމެއް ކަމުގައި ވިއަސް އަދި ވިޔަފާރި ފަދަ ހުއްދަ ކަމެއް ކަމުގައި ވިއަސް މެއެވެ.
"ލަހްވު" ގެ އެހެން މާނައެއް ފެނިގެން ދަނީ އަލްއަންޢާމް ސޫރަތުގެ 32 ވަނަ އާޔަތުންނެވެ. އެ އާޔަތުގައިވާ ގޮތުން ދުނިޔަވީ ހަޔާތަކީ ކުޅިވަރެއް ކަމުގައްޔާއި މަޖަލެއް (ލަހްވު އެއް) ކަމުގައި ވާ އެއްޗެކެވެ. މި އާޔަތުގެ މަގުސަދަކީ ދިރިއުޅުމުގެ ހަޔާތަކީ (އޭގެ ޒާތުގައި) ޙަރާމް ކަމެކޭ ނުވަތަ އެދެވިގެން ނުވާ ކަމެކޭ ބަޔާން ކުރުމެއް ނޫނެވެ.
ހަމަ އެފަދައިން ކުޅިވަރާއި މަޖަލަކީ ވެސް (އޭގެ ޒާތުގައި) ހަރާމް ކަމެކޭ ނުވަތަ އެދެވިގެން ނުވާ ކަމެކޭ ބަޔާން ކުރުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް ކާފިރުން ބުނަމުން ގެންދިޔަ ވާހަކައެއްގެ ރައްދެއްގެ ގޮތުގައި ދިރިއުޅުމުގެ ހަޔާތަކީ އުޚުރަވީ ހަޔާތާ އަޅައި ބަލާއިރު މުހިންމު އެއްޗެއް ނޫން ކަން ބަޔާން ކުރުމެވެ.
އަލްމުނާފިޤޫން ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ އަންގަވަނީ ﷲ ޒިކުރު ކުރުމުން ދުރުހެލި ކުރުވާ ކަންކަން ކަމުގައި މުދަލާއި ދަރިން ނުހެދުމަށެވެ. ނަހީއެއްގެ ގޮތުގައި ނަމަވެސް ލަހްވުގެ ލަފުޒު އެ އާޔަތުގައި ވެސް ބޭނުންކޮށްފައި ވުމުން އެއިން ދޭހަ ވަނީ މުދަލަކީ ވެސް އަދި ދަރިންނަކީ ވެސް "ލަހްވު" އެއް ކަމެވެ.
ހަމައެފަދައިން އެހެން ކަމަކުން ތިމާ އެ ކަމެއްގައި މަޝްޣޫލު ކުރުވާ ކޮންމެ ކަމަކީ ވެސް "ލަހްވު" އަކަށް ވެދާނެ ކަމެކެވެ. މިގޮތުން މިސާލަކަށް މީހަކު ދައްކާ ވާހަކައެއް ވެސް ނުވަތަ ފޮތެއް ހިފައިގެން އައިސް އެ ކިޔުންވެސް "ލަހްވު" ގެ ތެރޭގައި ހިމެނިދާނެ ކަމެވެ.
މީގެ ދަލީލަކީ ލުޤުމާން ސޫރަތުގެ 6 ވަނަ އާޔަތުގައިވާ "ލަހްވުލް ޙަދީޘް"ގެ މާނައެއް ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތެވެ. އާދެ، އެއީ ލަހްވެއްގެ ގޮތުގައި ހިމެނިދާނެ ހަމަ ކޮންމެ ވާހަކަ އެކެވެ. އެ ވާހަކައެއް ވަޒަނަކަށް ފައްތައިގެން ކިޔަސް ވަޒަނަކަށް ނުފައްތައި ކިޔަސް މެ އެވެ.
ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައިވާ "ލަހްވުލް ޙަދީޘް" ގެ މުރާދަކީ ހަމައެކަނި ލަވަ އެވެ. މިގޮތަށް ތަފްސީރު ކުރެއްވުމުގެ އެއް ސަބަބަކީ އެ އާޔަތް ބާވާލެއްވުނު ސަބަބެވެ. އެއީ ނަޟަރު ބުނު ޙާރިޘް، ލަވަ ކިޔާ ޖާރިޔާ އަކު (ޤީނާ އަކު) ގަނެގެން ގެނެސް ލަވަ ކިޔުއްވައި ޤުރުއާން އަޑުއެހުމުން މީސްތަކުން ދުރުހެލި ކުރުވުމެވެ.
ނަމަވެސް އެހެން ރިވާޔަތްތަކުން އެނގޭ ގޮތުގައި، އާޔަތް ބާވާލެއްވުނު ސަބަބަކީ ކުރީގެ އުންމަތްތަކުގެ މީހުންގެ ވާހަކަ ފޮތްތައް ނަޟްރު ބުނު ޙާރިޘް ގަނެގެން ގެނެސް މީހުންނަށް ކިޔައިދިނުމެވެ. މިގޮތުން ބަލާއިރު އެ ވާހަކައެއްގެ އަވާގައި ޖެހި މަޖަލަކަށް ވެ އެހެން ކަންކަމުން ދުރުހެލި ކުރުވައި އެ ވާހަކައެއްގައި މަޝްޣޫލު ކުރުވާ ކޮންމެ ވާހަކައެއް ވެސް ވެގެންދާނީ "ލަހްވުލް ޙަދީޘް" އަކަށެވެ.
ކީރިތި ޤުރުއާނުގެ އިތުރުން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްތަކަށް ބަލާއިރު ވެސް ބައެއް ހަދީސްތަކުގައި ލަވައިގެ އިތުރުން އެހެން މާނަތަކުގައި "ލަހްވު" ބޭނުން ކުރެވިފައި ވެއެވެ. މިގޮތުން އަސް ކިޔަމަން ކުރަން ދަސްކޮށްދިނުމާއި، އަނބިމީހާއާ އެކު މަޖާ ކުރުމާއި، ދުނި އުކުން އެއީ ލަހްވުގެ ތެރެއިން ހުއްދަ ކުރެވިގެންވާ 3 ކަންތައް ކަމުގައި ބަޔާންކުރާ ހަދީސެއް އޮވެ އެވެ.
ހަމަ އެފަދައިން އަންޞާރީންގެ ބޭފުޅެއްގެ ކައިވެނި ހަފްލާގައި "ލަހްވު" ނެތްތޯ ސުވާލު ކުރައްވައި، އަންޞާރުން "ލަހްވު" އަށް ގަޔާވާނެ ކަން ކީރިތި ރަސޫލާ ބަޔާން ކުރެއްވި އެވެ. މި ތަނުގައި ލަހްވަކީ ހަމައެކަނި ލަވައެއް ނޫނެވެ. ތާރަ ޖެހުން ވެސް އޭގައި ހިމެނޭ ކަން އޭރުގެ އާދަކާދަ އަށް ނަޒަރު ހިންގުމުން ހާމަ ވެއެވެ.
މި އިޝާރާތް ކުރެވުނު ކަންކަމުން އެކަނިވެސް "ލަހްވު" ގެ ހަމައެކަނި މާނަ އަކީ ލަވަޔާއި މިޔުޒިކު ނޫން ކަން އެބަ ހާމަ ވެއެވެ. ހަމަ އެއާ އެކު ކޮންމެ "ލަހްވު" އަކީ ޙަރާމް ނުވަތަ މަކްރޫހަ އެއްޗެއް ނޫން ކަން ވެސް ހާމަ ވެއެވެ. ވީމާ މިއިން އެނގެނީ "ލަހްވު" ޙަރާމް ވުން ބިނާވެފައިވަނީ އޭގެ ޒާތުގައި ނޫން ކަމެވެ. ލަހްވުގެ ގޮތުގައި ކުރާ ކަމެއް ޙަރާމް ވުމުގެ މައްޗަށް ކަމެވެ. ނުވަތަ އެއާ ގުޅިފައިވާ އެހެން ކަންކަން ދީނުގައި ނަހީ ކުރެވިފައިވާ މިންވަރެއްގެ މައްޗަށް ކަމެވެ.