14 ސެޕްޓެމްބަރ 2017 - 06:13

އެއީ އެ ފޯނެވެ. އެންމެ ފަހުން ނެރުނު ފޯނެވެ. ކޮންމެ ކުންފުންޏަކުން ވެސް ބުނަނީ އެހެންނެވެ. މިއީ އެންމެ މޮޅު ފޯނެވެ. މިހާތަނަށް ނެރުނު އެންމެ މޮޅު ފޯނެވެ.
އެންމެ ފޮޅު ފޯނަކީ އެ ކުންފުންޏަކުން އެންމެ ފަހުން ނެރުނު އެ މަރުކާގެ ފޯނެވެ. އެހެންކަމުން ކޮންމެ މަރުކާއަކަށް ވެސް މޮޅު ފޯނެއް ވެ އެވެ. އެއީ އެ މަރުކާގެ އެހެން ފޯނުތަކާ އަޅާ ނުކިޔޭ ވަރުގެ މޮޅު ފޯނެކެވެ.
ސެމްސަންގް ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް މި ހާރު އެންމެ މޮޅު ފޯނަކީ ނޯޓް 8 އެވެ. ގެލަކްސީ ނޯޓް މަރުކާގައި އެންމެ ފަހުން އާންމުނަށް ތައާރުފުކުރީ އެ ފޯނެވެ. އެހެންކަމުން އެ މަރުކާގައި އެ އަށް ވުރެ މޮޅު ފޯނެއް މިހާރަކު ނެތެވެ.
ގެލަކްސީ އެސް8 ޕްލަސް ނެރެފައި ސެމްސަންގް އިން ބުނީ އެއީ އެންމެ މޮޅު ފޯނު ކަމަށެވެ. އެސް8 މަރުކާގައި އެ އަށް ވުރެ މޮޅު ފޯނެއް މާކެޓުގައި މި ވަގުތު ނެތެވެ.
އެޕަލް އަށް އެންމެ މޮޅު ފޯނަކަށް ވާނީ އައިފޯން 10 އެވެ. އައިފޯނު މަރުކާގައި، އައިފޯނު 10 ފަހަތަށް ޖައްސާލެވޭ ވަރުގެ ފޯނެއް ނެތެވެ. އެއީ އެޕަލް އިން އެންމެ ފަހުން ތައާރުފުކުރި ފޯނެވެ.
އެންމެ މޮޅު ފޯނުގެ ލަގަބު ކޮންމެ ފޯނަކަށް ވެސް ލިބެ އެވެ. އެއީ އޭގެ ޒާތުގައި އެންމެ މޮޅު ފޯނެވެ. ސްމާޓްފޯން ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް މޮޅު ފޯނެއް ނެރެ އެވެ. ހިތާމަ އަކީ އެ ލަގަބު އަބަދަށް ދެމި ނޯންނާތީ އެވެ. އެ މަރުކާ އަށް ނިސްބަތްކޮށް އެހެން ފޯނެއް ހަމަ ނެރޭތަނުން، އެންމެ މޮޅު ފޯނަކަށް އެ ފޯނު ވެ އެވެ.
އެންމެ މޮޅު ފޯނުގެ ވާހަކަ ސްޓޭޖް މަތީގައި ދެކެވެ އެވެ. ކޮފީ މޭޒު ދޮށުގަ އާއި ސައްލާ މަޖުލީސްތަކުގަ އެވެ. އެންމެ މޮޅު ފޯނު ދެކެ އެންމެން ވެސް ލޯބިވެ އެވެ. ހޯދާ ހިތްވެ އެވެ. ޖީބުގައި ބާއްވާ ހިތްވެ އެވެ. އެންމެ މޮޅު ފޯނު ނެރެންދެންނެވެ.