13 ސެޕްޓެމްބަރ 2017 - 16:16

ވޮޝިންޓަން (ސެޕްޓެމްބަރު 13) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގައި އެންމެ އަވަހަށް މީހުން ބަދަލު ކުރަން ޖެހޭ މަގާމު ކަމަށްވާ ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރަށް މި ފަހަރު ޒުވާން އަންހެން ބޭކަނބަލެއް ކަމަށްވާ ހޯޕް ހިކްސް ހަމަޖައްސައިފި އެވެ.
މިއީ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ޓްރަމްޕް ހަމަޖެއްސި ހަތަރު ވަނަ ބޭފުޅާ އެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި އެންތަނީ ސްކަރަމުއްޗީ އަށް މަގާމުގައި ހުންނެވީ 10 ދުވަހު އެވެ. ސްކަރަމުއްޗީ އަށް ފަހު ވަގުތީ ގޮތުން އެ މަގާމާ ވަނީ ހިކްސް ހަވާލުވެފަ އެވެ.
ކުރީގެ މޮޑެލެއް ކަމަށްވާ އުމުރުން 28 އަހަރުގެ ހިކްސް ވަނީ ޓްރަމްޕުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމާއި ރިޔާސީ ކެމްޕޭނުގެ ޕްރެސް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. ޓްރަމްޕް އޮގަނައިޒޭޝަނުގައި ކުރިން މަސައްކަތް ކުރެއްވި ހިކްސް އަކީ ޓްރަމްޕް ވަރަށް އިތުބާރު ކުރައްވާ ފަރާތެކެވެ.
ވައިޓް ހައުސްގެ ފުރަތަމަ ކޮމިއުނިކޭޝަން ޑިރެކްޓަރު މައިކް ޑުބްކެ އިސްތިއުފާ ދެއްވީ މެއި މަހު އެވެ. ދެން އެ މަގާމުގެ މަސްއޫލިތު އަދާކުރެއްވި އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވަނީ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ސްކަރަމުއްޗީ ގެނައުމާ އެކު ޖުލައި މަހު އިސްތިއުފާ ދެއްވައިފަ އެވެ.