13 ސެޕްޓެމްބަރ 2017 - 18:00

ގަތަރު އެއާވޭސް އިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ގްލޯބަލް ޓްރެވަލް ބޮޓީކް"ގެ ނަމުގައި ފެށި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ މި މަހުގެ 15 އިން އަންނަ އަހަރުގެ މެއި 31 އާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދަތުރުކުރާ ފަރާތްތަކުން ޓިކެޓް ނަގަން ޖެހެނީ މި މަހުގެ 19 ގެ ކުރިންނެވެ.
އެ އެއާލައިނުން ބުނީ ގަތަރު އެއާވޭސް އިން ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އިކޮނޮމީ ކްލާހުގެ އިތުރުން ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.
ގަތަރު އެއާވޭސް އިން ބުނި ގޮތުގައި ތިން މީހުންނާއި ހަތް މީހުންގެ ގްރޫޕް ބުކިންތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.
"މިއީ އަޅުގަނޑުމެން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު ޕްރޮމޯޝަން. މިއީ ކުރިން ކުރިއަށް ގެންދިޔަ ޓްރެވަލް ފެސްޓިވަލް ކެމްޕޭނުގެ ކާމިޔާބީއާ ގުޅިގެން ފެށި ޕްރޮމޯޝަނެއް،" ގަތަރު އެއާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު އިހަބް އާމިރު ވިދާޅުވި އެވެ.
ޕްރޮމޯޝަނުގެ ދަށުން ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް ގަތަރު އެއާވޭސްގެ ސޭލްސް އޮފީސްތަކުގެ އިތުރުން ވެބްސައިޓުން ވެސް ޓިކެޓް ނެގޭނެ އެވެ.
ގަތަރު އެއާވޭސް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް ފުޅާކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގާނާ، އައިވަރީ ކޯސްޓް، އޮސްޓްރޭލިއާ، ތައިލޭންޑް، ބަންގްލަދޭޝްގެ އިތުރުން ކެންޔާ ފަދަ ގައުމުތަކުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.