ބިހުގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން ކުޑަ
ބިހުގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން ކުޑަ

ޔޫރަޕްގެ ގައުމުތަކާ ޚިލާފަށް، އިންޑިއާގައި ކުކުޅުބިސް އުފައްދާ ތަންތަނުގައި އެ މަސައްކަތް ކުރަނީ އެކަން ކުރާނެ ގޮތް މާ ބޮޑަށް އެނގިގެއްނެއް ނޫނެވެ. ސާފުތާހިރު ކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ކުކުޅަށް ކާން ދޭއިރު އޭގައި ނިއުޓްރިއަންޓްސް އެކުލެވޭ މިންވަރު ނުބެލުމުގެ ފުރުސަތު ބޮޑެވެ. އަދި ތަޣައްޔަރުވެފައިވާ އެއްޗެހި ކާން ދިނުމުގެ ސަބަބުން ބިހުގެ ކޮލިޓީ ދަށްވުމަކީ ވެސް ދިމާވާ ކަމެކެވެ.

ސާފުތާހިރުކަން ކުޑަވުމާއި ކޮލިޓީ ކޮންޓްރޯލްކުރުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރާތީ ބިސްތައް ވެސް ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑުވެ އެވެ. މިކަން ނޭނގެނީ ހަމައެކަނި ޕޯލްޓްރީ ފާމްތަކަކަށް ނޫނެވެ. އެ ބިހުގެ ވިޔަފާރިކުރާ މީހުންނާއި އެކްސްޕޯޓްކުރާ މީހުންނަށް އަދި އެ ބިސް ގަނެގެން ކާ މީހުންނަކަށް ވެސް ނޭނގެ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ބިސް ހުންނަ ހިސާބުތައް ސްޓްރެލައިޒްކޮށް ސަލްމޮނެލާ ކަހަލަ ޖަރާސީމުތަކުން ސަލާމަތްކުރަން މަސައްކަތް ކުރެ އެވެ. ނަމަވެސް އިންޑިއާގައި މިފަދަ ކަންކަން އެއްގޮތަކަށް ވެސް ނުކުރާތީ ބިސްތައް އެކި ޖަރާސީމުން ތަޣައްޔަރުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގައި އެންމެ ގިނައިން ބިސް އުފައްދާ ގައުމަކީ އިންޑިއާ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރަށް ނުކުތުމުގެ ފުރުސަތު އެމީހުންނަށް ނޯންނަނީ އިންޓަނޭޝަނަލް ސްޓޭންޑަޑްތަކަށް އެމީހުން އުފައްދާ ބިސްތައް ނުފެތޭތީ އެވެ.

ފުޑް ސޭފްޓީ ހެލްޕްލައިން އަދި ފުޑް ސޭފްޓީ މޯބައިލް އެޕްގެ ފައުންޑާ ޑރ. ސައުރަބް އަރޯރާ ވިދާޅުވި ގޮތުގައި އިންޑިއާއިން އުފައްދާ ބިސް ވަރަށް ގިނަ ފަހަރަށް ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ނުކުރެވި އަނބުރާ ރައްދުވެ އެވެ. ބިހުގެ ތޮށިތަކުގައި ކެމިކަލްގެ އަސަރު ވަރަށް ބޮޑަށް ހުންނާތީ އެވެ.

އިންޑިއާގެ އެކި ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުރި ބިސްތަކެއް ޓެސްޓްކުރިއިރު އެ ތަކެތީގައި ވެސް އެ ބިސްތަކުގެ ބޭރު ތޮށިގަނޑުގައި އަދި އެތެރޭގެ ބައިތަކުގައި ވެސް ގިނަ އަދަދަކަށް ސަލްމޮނެލާ ހުރި ކަން ވަނީ ހާމަވެފަ އެވެ.

ނަމަވެސް ފާމްތަކުން ގެންނަ ތާޒާ ބިހުގައި ސަލްމޮނެލާގެ އަސަރު ހުންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް ގިނަ މީހުން ބިސް ގަންނަނީ ރީޓެއިލްކޮށް އެއްޗެހި ވިއްކާ ފިހާރަތަކުން ކަމަށް ވާތީ ތަޣައްޔަރުވެފައި ހުރި ބިސް ގަނެވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ކާއެއްޗެހި ގެންގުޅުމުގައި ރައްކާތެރިވާންވީ ވަރަށް ރައްކާތެރި ނުވެވުމާއި ރައްކާކޮށްފައި ހުންނަ ގުދަންތަކަކީ އެކަމަށް އެކަށީގެންނުވާ ތަންތަނަށް ވުމާއި އެއްތަނުން އަނެއް ތަނަށް ބިސްތައް އުފުލުމުގައި ވެސް ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން އެ ގެންދާ ހިސާބަކަށް ގެންދެވޭއިރު ހުންނަނީ ވަރަށް ބޮޑަށް ދެރަވެ ހަލާކުވާން ކައިރިވެފަ އެވެ.

އެހެނިހެން ކާ ތަކެއްޗަށް ވުރެ ބިހުގެ ރައްކާތެރިކަން އެ ގަންނަ މީހުންނަށް އެހާ ބޮޑަށް ނޭނގޭކަން މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ވަރަށް ގިނަ ސާވާ ތަކުން ވަނީ ހާމަވެފަ އެވެ.

ބިސްތައް ރަނގަޅަށް ކެއްކުމުގެ އިތުރުން ބިސް ގެންގުޅުމުގައި އަދިވެސް ސަމާލުކަންދޭން ޖެހޭ އިތުރު ކަންތައްތައް އެބަހުއްޓެވެ.

- ބިހުގައި އަތްލައިފި ނަމަ ފެނާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ޖެހޭނެ އެވެ. އެހެން ނޫނީ ބިހުގެ ބޭރުގައި ހުންނަ ޖަރާސީމުތައް އެކި ތަންތަނަށް ދަތުރު ކުރާނެ އެވެ.

- ރޯ ބިސް ތަޅާފައި އަޅާފައި ބެހެއްޓި އެއްޗެއް ރީއްޗަށް ދޮވެގެން ނޫނީ އެހެން ކާ އެއްޗެއް އަޅަން ބޭނުންކޮށްގެން ނުވާނެ އެވެ.

- ބާޒާރުން ބިސް ގަންނައިރު މުޅިން ވަކި ކޮތަޅަކަށް ބިސް އަޅަން ޖެހެ އެވެ. އަދި އައިސްއަލަމާރީގައި ރައްކާކުރާއިރު ވެސް މުޅިން ވަކިން ކޮތަޅެއްގައި ރައްކާކުރަން ޖެހޭނެ އެވެ. އެހެން އެއްވެސް ކާއެއްޗަކާ ބިސް އެއް ކުރުމުން ބިހުގެ ތަޣައްޔަރުކަން ކާ އެއްޗިއްސަށް ފޯރާނެ އެވެ.

- ފްރިޖްގެ ޓެމްޕްރޭޗާ 33 އާއި 40 އާ ދެމެދުގެ ފެރަންހައިޓެއްގައި ބަހައްޓަން ޖެހެ އެވެ.

- ފްރިޖުން ނަގާފައި ބިސް ދެ ގަޑިއިރަށް ވުރެ ގިނައިރު ބޭރުގައި ބަހައްޓައިފި ނަމަ ދެން އެ ބިސް ބޭނުން ކޮށްގެން ނުވާނެ އެވެ. އެފަދަ ބިސް ދެން ޖެހޭނީ އުކާލާށެވެ.

- އައިސްއަލަމާރިއަށް ބިސްތައް ލުމުގެ ކުރިން އެ ތަކެތި ވަރަށް ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

- ގަންނަތާ ދެ ހަފުތާ ތެރޭ ބިސްތައް ބޭނުންކުރަން ޖެހޭނެ އެވެ.

- ރޯ ނުފިލުވާ ހުންނަ ބިސް ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނެވެ.