13 ސެޕްޓެމްބަރ 2017 - 14:48

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނިންމާލާފައި ވާއިރު ހޯމަ ދުވަހު މައްސަލަ ބާއްވަނީ ހުކުމް ކުރަން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
އަޑުއެހުންތައް ނިންމައިލި ފަހުން އެ މައްސަލަ ބަލާ ސެކްޝަން ބަދަލުކުރި ކަމަށް ފާރިސްގެ ވަކީލުންނަށް ހައި ކޯޓުން އަންގާފައިވާ ކަމަށް އެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ހަައި ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފި ނަމަ ހުކުމް ކުރުމުގެ ކުރިން އިތުރު އަޑުއެހުމެއް އާންމުކޮށް ބާއްވާނެ އެވެ. އެހެންވެ ހޯމަ ދުވަހު އޮތީ ހުކުމް ކުރުން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
ހޯމަ ދުވަހުގެ ހެެނދުނު ޝަރީއަތް ބާއްވާނެ ކަން އަންގައި، ފާރިސްގެ ވަކީލުންނަށް ކޯޓުން ފޮނުވި ޗިޓްގައި އޮތީ ކުރިން މައްސަލަ ބެލި ސެކްޝަން ނޫން އެހެން ސެކްޝަނެއް ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.
ކުރިން އެ މައްސަލަ ބަލަމުން ގެންދެވީ ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހޯމަ ދުވަހު ބާއްވާއިރު ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.