16 ސެޕްޓެމްބަރ 2017 - 06:34

ޑައިރެކްޓަރު އަނުބަވް ސިންހާގެ އާ ފިލްމު "މުލްކު"ގައި ރިޝީ ކަޕޫރުގެ އަނބިމީހާގެ ރޯލަށް ނީނާ ގުޕްތާ ހަމަޖެހިއްޖެ އެވެ. ނީނާ އަކީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގެ ލީޑް ރޯލު ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ.
މިހާރު މި ފިލްމުގައި ނީނާ ކުޅެން ޖެހޭ ރޯލަށް އޭނާ ވަނީ ތަމްރީނުތައް ހަދަން ފަށައިފަ އެވެ.
ނީނާ ބުނި ގޮތުގައި މިހާރު އެކަށީގެންވާ ރަނގަޅު ރޯލުތައް ކުޅެން އޭނާއަކަށް ނުލިބެ އެވެ. އެހެންވެ މަސައްކަތެއް ނެތި ގޮތް ހުސްވެފައި ހުއްޓާ ޑައިރެކްޓަރު އަނުބަވް އޭނާއަށް ފިލްމަކުން ރަނގަޅު ރޯލެއް ދިނުމުން ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.
ނީނާ ވަނީ ކުޅޭނެ ރަނގަޅު ފިލްމުތައް ބޭނުންވާ ކަމަށް ބުނެ މިދިޔަ އޮގަސްޓް މަހު ސޯޝަލް މީޑިއާގައި މެސެޖެއް ލިޔެފަ އެވެ.
ޑައިރެކްޓަރު ބުނި ގޮތުގައި އޭނާއަކީ އަބަދުވެސް ނީނާގެ ފޭން އެކެވެ. އަދި އޭނާގެ ފިލްމުގެ ކެރެކްޓާއަށް ނީނާ ވަރަށް ފިޓް ކަމަށް ބުންޏެވެ. އަދި ނީނާ މަސައްކަތް ހޯދަން ބޭނުންކަމަށް ބުނެ އިންސްޓަގްރާމްގައި ލިޔުނު މެސެޖް ވެސް އަނުބަވަށް އޮތީ ފެނިފަ އެވެ. އެހެންވެ އެ ރޯލު ނީނާ އަށް ދިނުމަށް ގަސްތުކޮށް ނީނާ އަށް ފޯނު ކުރީ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
"ނީނާ އަކީ ފިލްމު އިންޑަސްޓްރީގައި ތިބި އަގުނުކުރޭވަރުގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ބަތަލާއެއް. އެހެންވެ އޭނާއަށް މި ރޯލު ދޭން ނިންމަން އަހަންނަށް ހިނދުކޮޅެއް ވެސް ނުނެގި،" އަނުބަވް ބުންޏެވެ.
ޓީވީ ސިލްސިލާތައް ކަމަށްވާ "ސާންސް" އާއި "ބުނިޔާދު"ގައި ނީނާ ވަނީ ވަރަށް ވަރުގަދަ ކެރެކްޓާތަކެއް ވަރަށް ފުރިހަމައަށް ކުޅެފަ އެވެ.
"މުލްކް"އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސޯޝަލް ތުރިލާ އެކެވެ. އޮކްޓޯބަރުގައި ޝޫޓިން ފަށަން ތައްޔާރުވަމުންދާ މި ފިލްމުގައި ރިޝީ އާއި ނީނާގެ އިތުރުން ޕްރަތީކް ބައްބަރް އާއި ތާޕްސީ ޕަންނޫ އަދި ރަޖަތު ކަޕޫރު ވެސް މުހިއްމު ބައިތަކެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.