14 ސެޕްޓެމްބަރ 2017 - 06:09

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޒަހީރު ޚާން އާއި ބޮލީވުޑް ބަތަލާ ސާގަރީކާ ގަޓްކޭގެ ކައިވެނި އަންނަ ނޮވެމްބަރު މަހު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. މި އަހަރުގެ ކުރީކޮޅު މި ދެ މީހުންގެ އެންގޭޖްމަންޓް ހަފުލާ ވަނީ ބާއްވައިފަ އެވެ. އަދި އެންގޭޖްމަންޓަށް ފަހު ސާގަރީކާ ވަނީ މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެކަމަށް ބުނެފަ އެވެ.
"ޗަކް ދޭ" ފަދަ ހިންދީ ފިލްމުތަކުގައި ބަތަލާގެ ބައި ކުޅެފައިވާ ސާގަރީކާ އަކީ "ޚަތުރޯންކީ ކިލާޅީ" ރިއަލިޓީ ޝޯގައި ބައިވެރިވެ ފައިނަލަށް ދަތުރުކުރި ހިތްވަރު ގަދަ ޒުވާނެކެވެ.
ޒަހީރު އާއި ސާގަރީކާގެ ކައިވެނީގެ ދެ އިވެންޓެއް މުމްބައި އާއި ޕޫނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ފަރާތުގެ ގާތް އެކުވެރިންނަށް ނޮވެމްބަރު ފަހުކޮޅު ޗުއްޓީ ނަގަން އަންގާފައިވާ ކަމަށްވެ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނަނީ ޒަހީރު އާއި ސާގަރީކާގެ ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 27 ގައި ކަމަށެވެ.
މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި ބަތަލާއިންގެ ކައިވެނި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ހަރްބަޖަން ސިންގް އާއި ގީތާ ބަސްރާ އަދި ޔޫވްރާޖް ސިންގް އާއި ހޭޒަލް ދާދިފަހުން ކައިވެނި ކޮށްފައި ވެއެވެ. އަދި އިންޑިޔާގެ މިހާރުގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރުމާ ވެސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ.