16 ސެޕްޓެމްބަރ 2017 - 06:35

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގްގެ މަގުބޫލު ކުރު ވާހަކަ "ސަފަ ދަ ލިޓްލް ޗިލްރެން" ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެންނަން ނިންމައިފި އެވެ.

މިއީ 1972 ގައި ނެރުނު ވާހަކަ އެވެ. މިއީ ޓީޗަރަކާއި އާދަޔާހިލާފު ކުދިންތަކެއްގެ ވާހަކަ އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން "ސަފަ ދަ ލިޓްލް ޗިލްޑްރެން" ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ ބްރެޑް އެންޑް ސާކަސަސް އެންޓަޓައިންމަންޓާއި ވޮލްޓޭޖް ޕިކްޗާޒްގެ އިތުރުން ޑާސް ފިލްމްސް ގުޅިގެންނެވެ.
މި ފިލްމްގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރާނީ ޝޯން ކާޓާ އެވެ. އޭނާއަކީ މި އަހަރު ރިލީޒް ކުރަން ތާވަލްކޮށްފައިވާ ބިރުވެރި ފިލްމް "ކީޕް ވޮޗިން" ގެ ޑައިރެކްޓަރެވެ.
މި ވާހަކަ ސްކްރީނަށް ގެންނަން ނިންމި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ މީގެ ކާސްޓާއި ފިލްމް ރިލީޒް ކުރާނެ ތާރީހަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ބިރުވެރި ވާހަކަތައް ލިޔަން މަޝްހޫރު ކިންގްގެ ވާހަކައަކަށް ހެދި ފިލްމްތަކުގެ ތެރެއިން އެންމެ ފަހުން ސްކްރީނަށް އައީ އިދްރީސް އެލްބާ އާއި މެތިއު މެކްކޮނަހީ ލީޑް ރޯލް ކުޅެފައިވާ "ދަ ޑާކް ޓަވާ" އެވެ. ނިކޯލަޖް އާސެލް ޑައިރެކްޓްކޮށް މިދިޔަ މަހުގެ ތެރޭގައި ރިލީޒް ކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި 107.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.