30 ޖޫން 2016 - 08:02

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި "ބެގޭޖް ސާވިސް" ކައުންޓަރެއް ހުރެ އެވެ. ދަތުރުމަތީގައި ދާގީނާއެއް ގެއްލިއްޖެ ނަމަ ރިޕޯޓްކުރަން ފަސޭހަަކޮށްދިނުމަށެވެ. އެދެވިގެން ވާ ގޮތަކީ އެ ކައުންޓަރަށް ރިޕޯޓްކުރުމެވެ. އެ ގޮތުގައި އައިއެންއައިއޭ އަށް ހުށަހެޅޭ މައްސަލަތަކުގެ އަހަރީ އެވްރެޖް 4،000 ފަހަނައަޅާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފޮށި ތަންމައްޗާއި އުފުލާ ގެންގުޅޭ ކޮތަޅު ފަދަ ސާމާނު ދަތުރުމަތީގައި ގެއްލޭ ފަހަރު އާދެ އެވެ. ގެއްލޭ ތަކެއްޗަށް ޚާއްސަ ކައުންޓަރުތައް އެއާޕޯޓްތަކުގައި ހުންނަނީ އެ ތަކެތި ހޯދައިދިނުމަށެވެ. ދާގީނާ ގެއްލޭ މައްސަލަތައް ދިވެހިރާއްޖޭގައި އެންމެ އާންމު ތަނަކީ އެއާޕޯޓެވެ. ދިވެހިރާއްޖޭގައި ބަސް ސްޓޭޝަންތައް އަދި ރޭލް ސްޓޭޝަންތަކެއް ނުހުންނާތީ ކަމަށް ވެދާނެ އެވެ.
އެއާޕޯޓްތަކުގައި ދާގީނާ ގެއްލުމަށް ކޮންމެވެސް ސަބަބެއް މެދުވެރިވެ އެވެ. އަވަސްއަރުވާލައިގެން އުޅެންޖެހުމެވެ. ރަނގަޅަށް ލޭބަލްކުރެވިފައި ނެތުމެވެ. ސްކޭން މެޝިން ތެރޭގައި ނުވަތަ ކޮންވޭޔާ ބެލްޓްގައި ކޭއްތި ލޭބަލް ނައްޓައިގެން ދިއުމެވެ. ނުބައި ކޮންޓެއިނާއަކަށް ލެވުމެވެ. އަދި ވަގަށް ނެގުން ހިމެނެ އެވެ. މި ނޫން ބައެއް އެހެން ސަބަބުތައް ވެސް ދަތުރުވެރިން ތަޖުރިބާކޮށްފައި ވާނެ އެވެ.
ފޮށި ތަންމަތި ގެއްލޭ ކަމަށް ހީވާ ކޮންމެ ފަހަރަކު އެ ތަކެތި ގެއްލެނީއެއް ވެސް ނޫނެވެ. ގެއްލޭ ކަމަށް ހީވަނީ އަރާ ކޮންމެވެސް އޮޅުމެއްގެ ސަބަބުންނެވެ. އެހެން ހީވާ ބައެއް ފަހަރު ދެން އަންނަ ފްލައިޓަކުން ވެސް އެ ދާގީނާ އާދެ އެވެ. އެ ހާލަތު މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފްލައިޓް ފުރަން ކުޑަތަން ވާއިރު ވެސް ދާގީނާ އަރުވާ ނުނިމުމާއި، ހުރިހާ ދާގީނާއެއް އަރުވާނެ ވަގުތު ދެ ފްްލައިޓެއްގެ ދޭތެރޭގައި ނުލިބުން އަދި ބޯޓް މާ ބޮޑަށް ބަރުވެގެން ދާގީނާ މަދުކުރުމަށްޓަކައި ބާލަން ޖެހުން ވެސް ހިމެނެ އެވެ.
އެއާޕޯޓްތަކުގައި ވައްކަންކުރުމަކީ ވަރަށް އާންމު ކަމެކެވެ. ބާރުގަދަ ކެމެރާތަކާ އެކު ސީސީޓީވީ ނެޓްވޯކް މުޅި ޓާމިނަލްގައި ދުވެފައި އޮތަސް، ވައްކަން ކުރެ އެވެ. ޑިއުޓީ ފްރީ ފިހާރަތަކުން ސެންޓް ފުޅިތައް ގެއްލެ އެވެ. އަގު ބޮޑު ބައެއް އެހެން ތަކެތި ވަޔަށް އަރަ އެވެ. ކައުންޓަރުތަކުން ނަގުދު ފައިސާ ގެއްލެ އެވެ. ފަންޑު ފޮށިތަކުން ވެސް ފައިސާ ވަގަށް ނަގަ އެވެ.
ދާގީނާ ގެއްލުމުގައި އެންމެ ބޮޑަށް ބިރު ގަންނަން ޖެހެނީ ވަގަށް ނެގުމުންނެވެ. އެ ހިސާބުން އެ އެއްޗެއްގެ ޒަމާން އެ ދިޔައީ އެވެ. އެއާލައިންތަކުން ހަމަޖައްސާފައި އޮންނަ އުސޫލަކުން ބަދަލެއް ލިބުނު ނަމަވެސް، ފޮށީގައި ހުރި އައިޓަމްތައް ދުވަހަކު ވެސް ނުލިބެ އެވެ.
އެއާޕޯޓްތަކުގައި ދާގީނާ ވަގަށް ނަަގަނީ އެ ތަކެތި އުފުލާ މީހުންނެވެ. އެކަން ކުރަން ފުރުސަތު ހޯދަނީ ޑިޕާޗާ ޓާމިނަލް ސަރަހައްދުގައި، ކޮންޓެއިނާ އަށް ދާގީނާ އަރުވާއިރު އެވެ. ބޯޓަށް ދާގީނާ އަރުވާ އިރަކީ ވެސް ވަރަށް ނުރައްކާތެރި ވަގުތެވެ. ވަގަށް ނެގުމަށްޓަކައި ގަސްދުގައި ދާގީނާއިން ލޭބަލް ފޮހެލަ އެވެ. އެ އެއްޗެއް ދާން އޮންނަ މަގު ކޮންމެވެސް އެހެެން ދިމާއަކަށް ބަދަލުކޮށްލަ އެވެ. ކުނިއަޅާ ޓައްޕެއްގެ ތެރެ އަށް ވައްޓާލަ އެވެ. އެކަހަލަ ކޮންމެ ވެސް މަގަކުން ބޭރަށް ނެރެ ދާގީނާގައި ހުރި އައިޓަމްތައް އަމިއްލަކޮށް ވިއްކައި ޚަލާސްކުރެ އެވެ.
މޫސުމާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ވެސް ދާގީނާ ގެއްލެ އެވެ.