13 ސެޕްޓެމްބަރ 2017 - 07:00

އެޕަލް އިން އާ އައިފޯނެއް ނެރުމާ ދިމާކޮށް، ސެމްސަންގް އިން މޮޅު ވާހަކައެއް ދައްކައިފި އެވެ. އައިފޯނަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އެޕަލް އިން ކުރާ ކަމެއް ބެލުމަށް މުޅި ދުނިޔެ އެއްވެފައި ވަނިކޮށް، ސެމްސަންގް ފޯނުތައް ފަތްޖަހަން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސެމްސަންގް އިން ބުނި ގޮތުގައި، ފަތްޖަހާލެވޭ ފޯނެއް އަންނަ އަހަރު މާކެޓަށް ނެރޭނެ އެވެ.
މަސްރަހު ތަފުސީލުކުރާ މީހުން ދެކޭ ގޮތުގައި މިއީ ސެމްސަންގް އިން ޖެއްސި ސްޓަންޓެކެވެ. ބޭނުމަކީ އައިފޯނާ ބެހޭ ގޮތުން ދެކެވޭ އޮލަ ވާހަކަތައް ކަފިކޮށްލުމެވެ. މީހުންގެ ސަމާލުކަން ބައިބައިކޮށްލުމެވެ.
ސެމްސަންގް އިން ފޯނެއް ފަތްޖަހަން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ޒަމާނީ ސްޓައިލްގައި އަދި ފޯނެއް ފަތްޖަހާލެވޭ ގޮތެއް ނުވެ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެ ޒާތުގެ ކަމެއް ކުރަން އެންމެ ފަސޭހަ ވާނީ ވެސް ސެމްސަންގް އަށެވެ. މުޅި ދުނިޔޭގައި ސެމްސަންގް ސްކްރީން ޓެކްނޮލޮޖީ ވަކި ހިއްޕާފައި ވާއިރު، ސްކްރީނެއް އޮޅާލުން އެ މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ނަމަވެސް މި ދަނޑިވަޅުގައި އެ ކަހަލަ ވާހަކައެއް ދެއްކުމުން އެއީ ހަގީގަތަށް ވުރެ ބޮޑަށް ރޭވުމެއް ކަމަށް ވަނީ ބެލެވިފަ އެވެ.