12 ސެޕްޓެމްބަރ 2017 - 21:07

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގޭގެ އަށް ގޮސްގެން ސާވޭއެއް ކުރަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 26ގެ ނިޔަލަށް ކުރާ ސާވޭގައި 150 މީހުން ބައިވެރިވާނެ ކަމަށެވެ. އެ ގޮތުން ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ސާވޭގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެޗްޑީސީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދީ އެ މީހުންގެ ބައިވެރިވުން އިތުރުކޮށްގެން ކަންކަން ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި ސިޔާސަތުގައި ކަންކަން ކަނޑައަޅާއިރު މި ތަނުގައި ދިރިއުޅޭ މީހުންގެ ހިޔާލުތައް ހޯދަން. އަދި އެޗްޑީސީ އާއި އާއްމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ވެސް،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ސާވޭގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ދެނެގަތުމަށް ވެސް ނިންމާފައިވާ ކަމަށެވެ.