12 ސެޕްޓެމްބަރ 2017 - 19:53

ރާއްޖޭގެ ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރުމުން ކޯޓުތަކުގައި ހިނގަމުން އަންނަ 500 އަށްވުރެ ގިނަ މައްސަލައަށް ހުރަސް އެޅޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފި އެވެ.
ގާނޫނީ ދާއިރާގައި ހުރި މައްސަަލަތައް ފާހަގަކޮށް، 54 ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ވަކީލުން އިއްޔެ ރޭ ސަސްޕެންޑްކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ލޯޔަރުންތައް ސަސްޕެންޑް ކުރުމުން ވަރަށް ބޮޑެތި މައްސަލަތައް ނުކުންނަ ތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
"މި ދައްކަނީ 500 އަށް ވުރެ ގިނަ މައްސަލަތަކުގައި ވަކާލާތުކުރާ ވަކީލުންގެ ވާހަކަ. އޭގެ އިތުރުން ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީ ވެފައި ތިބި ވަކީލުންގެ ތެރެއިން ވަރަށް ގިނަ ވަކީލުން ވަކާލާތުނުކުރައްވާތީ މި ދައްކަނީ 70 ވަރަކަށް ޕަސެންޓް ވަކީލުންގެ ވާހަކަ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ސަސްޕެންޑްކުރި ގިނަ ވަކީލުންނަކީ ވަރަށް ގިނަ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރަމުން އަންނަ ވަކީލުންތަކެއް ކަމަށެވެ. އަދި އެއާއެކު ގާނޫނު އަސާސީން ލިބިދޭ ވަކީލެއް ހޯދުމުގެ ހައްގު ގިނަ ބަޔަކަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި 56 ލޯޔަރުން ސުޕްރީމް ކޯޓު ދޮށުގައި މުޒާހަރާ ކުރިއޭ ނުވަތަ އެއްވީއޭ ކިޔައިގެން ނިންމި ނިންމުމެއް އެއީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އެ ދުވަހު އެ ތަނަށް ދިޔައީ 21 ލޯޔަރުން ކަމަށް. އެކަމަކު އެ މައްސަލަ ނިންމި އިރު އޮތީ އެ ތަނަށް އެއްވެގެން ކަމަށް. އެހެންވިއްޔާ ސަސްޕެންޝަން އަންނަންވާނީ އެ 21 ބޭފުޅުންނަށް ނޫންތޯ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކީލުންތައް ސަސްޕެންޑް ކުރުމުން ޝަކުވާކުރަން ދާނެ މުއައްސަސާއެއް ވެސް ނެތް ކަމަށެވެ. އަދި އެކަމަށް ޕްރެޝަރެއް ކުރެވެން އޮތީ ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާ އާއި ޖަމާއަތްތައް މެދުވެރިކޮށް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
ވަކީލުންތައް ސަސްޕެންޑް ކުރުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެ މައްސަލައާ ގުޅިގެން، އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ވަފުދުން ކުރި ޓްވީޓެއްގައި ވަނީ ވަކީލުން ސަސްޕެންޑް ކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އެ މައްސަލާގައި އެޅި ރަނގަޅު ފިޔަވަޅެއް ނޫން ކަމަށެވެ.
އެ ވަކީލުންތައް ސަސްޕެންޑް ކުރީ ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް، ޣައިރު ގާނޫނީ ގޮތެއްގައި ޖަމާއަތް ހަދައިގެން ސުޕްރީމް ކޯޓަށް އެއްވުމާއި ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާތީ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ.