12 ސެޕްޓެމްބަރ 2017 - 16:46

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 12) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވެގެން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޖެހޭނެ ކަމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝް އަށް އެތެރެވި މިއަންމާގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕަތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ހަސީނާ ވިދާޅުވީ ރެފިއުޖީންގެ ހާލަތާ މެދު މިއަންމާ ސަރުކާރުން އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލަން ޖެހޭ ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތް ބަޔަކު އުފުލަމުން އެދަނީ ބޮޑު ވޭނެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މިއީ މިޔަންމާގެ ރައްޔިތުން. އެ މީހުން އެ ގައުމުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ. މިއީ މިއަންމާގެ ރައްޔިތުން ނޫން ކަމަށް އެ ގައުމަށް ނިންމޭނީ ކިހިނެއް؟" ކުތުޕަލޮންގް ކޭމްޕަށް ޒިޔާރަތް ކުރެއްވުމަށް ފަހު ހަސީނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަންދެން ބަންގްލަދޭޝް އިން އެ މީހުންނަށް ހިޔާވަހިކަން ދޭނެ ކަމަށެވެ. އަދި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހަސީނާ ވަނީ ކުށްވެރިކުރައްވައިފަ އެވެ.
ރަކީން ސްޓޭޓުގައި މިދިޔަ މަހު ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު މިހާރު ވަނީ 370،000 އަށް އަރައިފަ އެވެ.
މިއަންމާ ސަރުކާރުން ބުނަނީ ރޮހިންޖާ މުސްލިމުންނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ. ނަމަވެސް މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން ބުނަމުން ދަނީ މިއަންމާ ސިފައިންނާއި ބުޑިސްޓުން ދަނީ އެ މީހުންގެ ގެދޮރުގައި އަލިފާން ޖަހާ އެތައް އަނިޔާއެއްކޮށް އަދި އެތައް ބައެއްގެ އިއްފަތް ފޭރެމުން ކަމަށެވެ.