ހަތަރު މެޗަށް ފަހު ޕެލަސް އިން ޑި ބޮއާ ވަކިކޮށްފި
ހަތަރު މެޗަށް ފަހު ޕެލަސް އިން ޑި ބޮއާ ވަކިކޮށްފި

ލަންޑަން (ސެޕްޓެމްބަރު 12) – ސީޒަނުގެ ފުރަތަމަ ހަތަރު މެޗަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކޯޗުކަމުން ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާ ވަކިކޮށްފި އެވެ.

ފުރަތަމަ ހަތަރު މެޗުން ޕެލަސް ބަލިވިއިރު އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕެލަސްގެ އާ ކޯޗަކަށް ހަމަޖައްސާނީ އިންގްލެންޑުގެ ކުރީގެ ރޯއީ ހޮޖްސަން އެވެ.

ޑި ބޮއާ ވެފައިވަނީ މެޗުތަކުގެ އަދަދުން، އެންމެ އަވަހަށް މަގާމް ގެއްލުނު ކޯޗަށެވެ.

މިދިޔަ ސީޒަނުގައި އިޓަލީގެ އިންޓަ މިލާނުގެ ކޯޗުކަމުން އޭނާ ވަކިކުރީ 11 މެޗަށް ފަހު އެވެ. މިދިޔަ ސީޒަނުގައި އަޔެކްސް ދޫކޮށް އިންޓައާ ހަވާލުވި ޑި ބޮއާގެ އިރުޝާދުގެ ދަށުން އިންޓަ ކުޅުނު 11 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ޑި ބޮއާ ވަނީ އިންޓައާ ހަވާލުވުމުގެ ކުރިން އަޔެކްސްގައި ހޭދަކުރި ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރު އެ ޓީމަށް ލީގު ހޯދައިދީފަ އެވެ.

ޕެލަސް އަށް ގެންނަން އުޅޭ ކަމަށް ވާހަކަ ދެކެވިފައިވާ ހޮޖްސަން ވަނީ އިންގްލެންޑަށް 2012 އިން 2016 އަށް ކޯޗުކޮށްދިނުމުގެ އިތުރުން މީގެ ކުރިން އިނގިރޭސި ލީގުގައި ލިވަޕޫލަށް ވެސް ކޯޗުކޮށްދީފަ އެވެ. މީގެ އިތުރުން އިޓަލީގެ އިންޓަ އާއި ސްވިޒަލެންޑާއި ޔޫއޭއީގެ ގައުމީ ޓީމަށް ވެސް އިރުޝާދު ދީފައިވެ އެވެ.