ޗެލްސީ މެޗުގެ ކުރިން ގަރަބަގްގެ އިންޒާރެއް
ޗެލްސީ މެޗުގެ ކުރިން ގަރަބަގްގެ އިންޒާރެއް

ލަންޑަން (ސެޕްޓެމްބަރު 12) – ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރި ނަމަވެސް ބޮޑެތި ޓީމުތައް ދެކެ ޖެހިލުންނުވާ ކަމަށް މުބާރާތުގައި މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނަ އަޒަރުބައިޖާނުގެ ގަރަބަގްގެ ކޯޗު ގުރްބާން ގުރްބަނޯފް ބުނެފި އެވެ.

ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި އަޒަރުބައިޖާނުގެ ފުރަތަމަ ޓީމު ކަމަށްވާ ގަރަބަގް އިން އެ ހިސާބަށް ދަތުރުކުރީ ކޮލިފައިންގެ ތިން ސްޓޭޖް ގިރާކުރުމަށް ފަހު އެވެ. އަނެއްކާ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެ އެ ޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ.

"އޭގެން އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ. ޗެލްސީ އަކީ ޗެމްޕިއަންސް ލީގުގެ ރަމްޒަކަށް ވިޔަސް އަދި މި ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑަސް، (އަހަރެމެން) ޓީމު އޮތީ ތައްޔާރުގައި. އަހަރެމެން މެޗު ނިމެންދެއް ހިތްވަރުކުރާނަން،" ގުރްބަނޯފް ބުންޏެވެ.

ގުރްބަނޯފް ބުނީ ޗެލްސީން އޭނާގެ ޓީމު ޑިފެންސިވް ގޭމެއް ކުޅުވަން "މަޖުބޫރު" ކުރުވާނެކަން އެނގޭ ކަމަށާއި އެކަމަކު އޭގެ މާނައަކީ އޭނާގެ ޓީމުން 90 މިނެޓު ޑިފެންސުގައި ތިބުން ނޫން ކަމަށް ބުންޏެވެ.

"އަހަރެމެން އެޓޭކް ވެސް ކުރާނަން،" ގުރްބަނޯފް ބުންޏެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ގަރަބަގް އަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި އިޓަލީ ކޯޗަކަށް އޭނާ ހުރިއިރު އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު މެޗުން، އެ ޓީމުގެ ބައެއް ކުޅުންތެރިން ރަނގަޅަށް އެނގޭ ކަމަށެވެ.

ކޮންޓޭ ބުނީ ސްކޮޑުގެ ކުޅުންތެރިން ދައުރުކުރަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރު ކަމަށެވެ. އެހެންވެ މިރޭ ބަދަލުތަކެއް ފެންނާނެ ކަމަށް ލަފާކުރެވެ އެވެ. އިނގިރޭސި ލީގުގެ ތިން މެޗަށް ސަސްޕެންޑްކުރި ޑިފެންޑަރު ގެރީ ކޭހިލް މިރޭ ކުޅޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު އަލަށް ގުޅުނު ޑެނީ ޑްރިންކްވޯޓާ އަށް އަނިޔާގެ ސަބަބުން މިރޭ ވެސް ނުކުޅެވޭނެ އެވެ.

އަނިޔާ އިން ސަލާމަތްވެ އެނބުރި އައިސް، ލެސްޓާ މެޗުގައި ކުޅުނު އެޑެން ހަޒާޑް ވެސް މިރޭ ކޮންމެވެސް ހިސާބަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ވަނީ ލެސްޓާ އަތުން 2-1 އިން ޗެލްސީ މޮޅުވި މެޗުގެ ފަހުބައިގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.