12 ސެޕްޓެމްބަރ 2017 - 11:46

ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނަކާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރުމުން އިނގިރޭސިވިލާތާއި ކެނެޑާއިން ފާޑު ކިޔައިފި އެވެ.
ގާނޫނީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ހުށަހަޅަން އުޅުނު ޕެޓިޝަނަކާ ގުޅިގެން ވަކީލުންތަކެއް ސަސްޕެންޑް ކުރުމުން، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައިވަނީ ގާނޫނު އަސާސީގެ ހިމާޔަތަށް ގޮވާލުމުން ވަކީލުން ސަސްޕެންޑް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސްރީލަންކާގައި ހުންނަ ކެނެޑާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ޝަރުއީ ދާއިރާގެ މިނިވަންކަން ކޮންމެ ޑިމޮކްރަސީއެއްގައި ވެސް މުހިންމު ކަމަށެވެ.
ވަކީލުންގެ ސަސްޕެންޝަނާ އެކު ޔޫރަޕިއަން ޔޫނިއަނުން ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަސްޕެންޑް ކުރި ވަކީލުން ބުނެފައިވަނީ ސަސްޕެންޑް ކުރިޔަސް ވަކީލުން ކުރިއަށް ގެންދާ ހަރަކާތަށް ނިމުމެއް ނާންނާނެ ކަމަށާއި އިތުރު ވަކީލުންތަކެއް ގުޅިގެން ޕެޓިޝަނެއް ހުށަހަޅާނެ ކަމަށެވެ.
ވަކީލުންގެ ފަރާތުން ޕެޓިޝަނެއް ހެދުމުގެ އިތުރުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ވަކީލުންގެ ފަރާތުން ވަނީ ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއް ވެދުމަށް އަރުވައިފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނެފައިވާ ގޮތުގައި އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި އަދުލު އިންސާފަށް ހުރަސް އަޅައި، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.