އައިފޯނުގެ ހުރިހާ މައުލޫމާތެއް "ލީކުވެއްޖެ"
އައިފޯނުގެ ހުރިހާ މައުލޫމާތެއް "ލީކުވެއްޖެ"

އެޕަލްގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހާމަކުރާ ދެ ވެބްސައިޓަކަށް، އެޕަލްގެ މުވައްޒަފަކު ފޮނުވި ކަމަށް ބެލެވޭ ވެބް ލިންކެއްގެ ސަބަބުން، އެޕަލްގެ އާ އުފެއްދުންތަކާ ބެހޭ މުހިންމު މައުލޫމާތުތަކެއް ލީކުވެއްޖެ އެވެ.

އެޕަލްގެ އައިއޯއެސްގެ އަދި ރިލީޒް ނުކުރާ ވާޝަންގެ ލިންކަކުން ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި މިރޭ ބާއްވާ ހަފުލާގައި އެޕަލް އިން ތިން ފޯނެއް ތައާރަފްކުރާނެ އެވެ. އެއީ އައިފޯން 8 އާއި އައިފޯން 8 ޕްލަސް އަދި އައިފޯން އެކްސް އެވެ.

މި ފޯނުތަކުގައި ފޭޝަލް ރިކޮގްނިޝަން ފީޗާ ހިމަނާފައިވާ ކަމަށާއި ފޯނު ބޭނުންކުރާ މީހާގެ މޫނުގެ އެކްސްޕްރެޝަން ދެނެގަނެ އިމޯޖީގެ ގޮތުގައި ދައްކައިދޭނެ ކަމަށް ވެސް މައުލޫމާތުން ލަފާކުރެވެ އެވެ. އެއާ އެކު ތައާރަފްވާނީ "އެނިމޯޖީ" އެވެ. އެއީ އެނިމޭޓްވާ އިމޯޖީ އެވެ. ފޯނުގައި ހިމަނާފައިވާ ފޭޝަލް ރިކޮގްނިޝަން ފީޗާ ވަނީ ފޯނުގެ ސެކިއުރިޓީއާ ގުޅުވައިފަ އެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ލިޔާ މީހުން ބުނަނީ މިއީ އެޕަލްގެ އުފެއްދުމަކާ ބެހޭ ގޮތުން މިހާތަނަށް ލީކުވެ އެންމެ ގިނަ މައުލޫމާތު ކަމަށެވެ.

ސޮފްޓްވެއާގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އައިފޯން އެކްސް އަކީ ހައި- އިންޑް ނުވަތަ ޕްރިމިއަމް ވާޝަން އެވެ. އަދި އައިފޯން 8 އާއި 8 ޕްލަސް އަކީ އެކްސް އަށް ވުރެ ދަށް ގިންތިއެކެވެ. އެހެންވެ ބެލެވޭ ގޮތުގައި އަގު ބޮޑުވާނީ އައިފޯން އެކްސްގެ އެވެ.

އައިފޯނުގެ އިތުރުން ފޯނުކުރެވޭ ގޮތަށް ހަދާފައިވާ އެޕަލް ވޮޗެއް ވެސް ތައާރަފްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެޕަލްގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ ހާއްސަ ހަފުލާ ރާއްޖޭ ގަޑިން މިރޭ 10:00 ގައި ވެބްކާސްޓްކުރަން ފަށާނެ އެވެ.