12 ސެޕްޓެމްބަރ 2017 - 12:11

ސޮނީ ސްޕޯޓްސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން "ސޮނީ ސްޕޯޓްސް ކިޑްސް"ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދިނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ ޖަމާލުއްދީން ސްކޫލް ކުރިމަތިން ލޮނުޒިޔާރަތް މަގުގައި ހުޅުވި އެ އާ ފިހާރަ އަކީ ކުޑަކުދިންގެ ހުނަރުތައް ކުރިއަރުވައި، ދުޅަހެޔޮ ސިއްހަތެއްގައި އެ ކުދިން ބޮޑެތިވުމަށް މަގުފަހި ކޮށްދޭނެ ފިހާރައެއް ކަމަށެވެ.
އާ ފިހާރައިން ކުޑަކުދިން ފުޓްބޯޅައާއި ބާސްކެޓް ކުޅުމަށް އަދި ދުވުމުގެ އިތުރުން ކަސްރަތު ކުރުމަށް ބޭނުންވާނެ ނައިކް އަދި އެޑިޑާސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ލިބެން ހުންނާނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ. އަދި ފެތުމާއި މޫދު ކުޅިވަރުތަކަށް ބޭނުންވާ ރޮކްސީ، ކުއިކްސިލްވާ އަދި ރިޕްކާލް ފަދަ ބްރޭންޑްތަކުގެ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށެވެ.
ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނުގެ އިތުރުން، މަޝްހޫރު ބްރޭންޑްތަކުގެ "ކެޝުއަލް ވެއާ" ވެސް ވިއްކާނެ އެވެ. އެގޮތުން ބިލަބޮންގް، ރޮކްސީ، ކުއިކްސިލްވާ އަދި ރިޕްކާލްގެ ޓީޝާޓާއި ގަމީހުގެ އިތުރުން ސޯޓު އަދި ފައިވާން ވިއްކާނެ އެވެ.
އިންޓަނޭޝަނަލް މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ސޮނީ ސްޕޯޓްސްގެ އާ ފިހާރަ އާއި އެކު، "ސޮނީ ސްޕޯޓްސް" ބްރޭންޑްގެ ދަށުން މިހާރު ހަތަރު ފިހާރަ މާލޭގައި ހިންގަ އެވެ. އޭގެ އިތުރުން މަޖީދީމަގުގައި ހިންގަމުން އަންނަ ބާޓާ އަކީ ވެސް ސޮނީ ސްޕޯޓްސް އިން ހިންގަމުން އަންނަ ފިހާރަ އެކެވެ.