12 ސެޕްޓެމްބަރ 2017 - 11:08

ސަރުކާރުގައި ނުފޫޒު ގަދަ ވަޒީރެއްގެ ކާރުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ދިވެހި އަންހެނަކާއި ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރޭ އާސަހަރާ ފުރަގަހުގަައި ކާރު ޕާކްކޮށްފައި ބާއްވައިގެން ކާރުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެ ކާރުގެ ޑުރައިވަރާއި އޭނާގެ ގާތް އަންހެނެކެވެ.
ރޭ އެ ދެ މީހުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށް ބަޔާން ނެގުމަށް ފަހު އެ ދެ މީހުން ވެސް ރޭގައި ވަނީ ދޫކޮށްލާފަ އެވެ. އެ ޑުރައިވަރު މިއަދު އޭނާގެ ވަޒީފާ އަށް ވެސް ނުކުތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެފަދަ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް އެއީ ވަޒީރެއްގެ ކާރެއް ކަމެއް އަދި އެއީ ކޮން ވަޒީރެއް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.
ދައުލަތުގެ އެ ކާރު ގެންގުޅުއްވާ ވަޒީރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.