11 ސެޕްޓެމްބަރ 2017 - 17:55

ރާއްޖޭގެ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ފާޑު ކިޔައިފި އެވެ.
ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން 54 ވަކީލަކު ރޭ ސަސްޕެންޑް ކޮށްފައި ވަނިކޮށް އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ވަފުދުން ކުރި ޓްވީޓެއްގައި ވަނީ ވަކީލުން ސަސްޕެންޑް ކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އެ މައްސަލާގައި އެޅި ރަނގަޅު ފިޔަވަޅެއް ނޫން ކަމަށެވެ.
އެ ވަކީލުންތައް ސަސްޕެންޑް ކުރީ ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ފަނޑިޔާރުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް، ޣައިރު ގާނޫނީ ގޮތެއްގައި ޖަމާއަތް ހަދައިގެން ސުޕްރީމް ކޯޓަށް އެއްވުމާއި ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާތީ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ވަކީލުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބައެއް ވަކީލުން ވެސް ހިމެނެ އެވެ. އެކަމަކު އެ ވަކީލުން ބުނެފައިވަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.