11 ސެޕްޓެމްބަރ 2017 - 19:05

ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ، އާސަންދަ ކުންފުނިން ހިންގާ ހުޅުމާލޭގެ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް ބަލަން ފަށާފައި ވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަމަށެވެ.
އޭސީސީން ބަލަނީ ހުޅުމާލޭ ހޮސްޕިޓަލާއި އެހެން ބަޔަކާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކުރިއިރު، އޭގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބެލެވޭ މައްސަލަތަކެއް ކަމަށް އެނގިފައިވެ އެވެ.
ހުޅުމާލޭގެ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނައިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މައުމޫން އަބްދުއްސަމަދު ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިދިޔަ މޭ މަހު ބަދަލުކޮށްފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް މީގެ ކުރިން ހިންގީ އައިޖީއެމްއެޗް ހޮސްޕިޓަލްސް އޮފް ގްރޫޕު ކުންފުނީގެ ދަށުންނެވެ. އާސަންދައިގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލް ހިންގަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް ހިސާބުގަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށް، އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފެށިތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.