11 ސެޕްޓެމްބަރ 2017 - 15:29

ސިންގަޕޫރު (ސެޕްޓެމްބަރު 11) - ސިންގަޕޫރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރޭން ދެ ކެންޑިޑޭޓެއްގެ ޝަރުތު ފުރިިހަމަ ނުވާ ކަމަށް އިލެކްޝަންސް ޑިޕާޓްމަންޓުން މިއަދު ނިންމުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ހަލީމާ ޔައުގޫބު ކަމަށް ހަމަޖެހިއްޖެ އެވެ.
އިލެކްޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބަށް ޝަރުތު ހަމަވީ އެއް ކެންޑިޑޭޓް ކަމަށެވެ. ޝަރުތު ހަމަވި ކެންޑިޑޭޓުގެ ނަން އިލެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި އަނެއް ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ސޯލިހު މަރިކަން އާއި ފާރިދު ޚާން ވަނީ އެ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އަންގާފައިވާކަން ޔަގީންކޮށްދީފަ އެވެ. ފަސް ކެންޑިޑޭޓަކު ހުށަހެޅި ނަމަވެސް ކުރިން ވަނީ ދެ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައިފަ އެވެ.
ސިންގަޕޫރުގެ ޕާލަމެންޓުގެ ކުރީގެ ރައީސް ހަލީމާގެ ޝަރުތު ހަމަވުމުން އެކަމަނާގެ ނޮމިޝޭން ބުދަ ދުވަހު ބާއްވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެކަމަނާ ވާނީ ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސް އަށެވެ.
މާސިލިން-ޔޫ ޓީގެ މެންބަރު ހަލީމާގެ ކެންޑިޑެސީ އިއުލާން ކުރައްވަމުން މިދިޔަ ޖޫން މަހު ވިދާޅުވެފައި ވަނީ އިންތިޚާބުކޮށްފައިވާ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް މާ ފުރިހަމަ އަށް ޚިދުމަތް ކޮށްދެވޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
އުމުރުން 62 އަހަރުގެ ހަލީމާ ރައީސްކަމުގެ ޝައުގު ފުރަތަމަ ފާޅު ކުރައްވާފައި ވަނީ ޖުލައި މަހު އެވެ. ސިންގަޕޫރުގެ ރައީސްކަމުގެ މަގާމު އޮންނަނީ މެލޭ ކޮމިއުނިޓީ އަށް ރިޒާވްކޮށްފަ އެވެ. ހަލީމާގެ ބައްޕަ އަކީ އިންޑިއާ ދަރިކޮޅުގެ މުސްލިމެއް ނަމަވެސް ހަލީމާ އަކީ މެލޭ ކޮމިއުނިޓީ އަށް ނިސްބަތްވާ މީހެއް ކަމަށް ކޮމިއުނިޓީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.