11 ސެޕްޓެމްބަރ 2017 - 14:53

ޖެނީވާ (ސެޕްޓެމްބަރު 11) - މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ދަނީ "ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުން" ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެއްޖެ އެވެ.
ރަކީން ސްޓޭޓުގައި ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށް މިއަންމާ ސަރުކާރަށް ޒައިދު ވަނީ ގޮވާލައްވައިފަ އެވެ. އަދި މިއީ ނަސްލެއް ނެތިކޮށްލުމުގެ ޓެކްސްފޮތުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.
މިއަންމާގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ތިން ލައްކައެއްހާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
ޒައިދު ރާދު ވިދާޅުވީ މިއަންމާ ސިފައިންނަށް ގެއްލުންތަކެއް ލިބުނު ނަމަވެސް މުސްލިމުންނާ ދެކޮޅަށް މިހާރު އެ ދެނީ މާބޮޑު އަނިޔާއެއް ކަމަށެވެ.
"ރޮހިންޖާ އަވަށްތަކުގައި މިއަންމާގެ ސަލާމަތީ ސިފައިން އަލިފާން ޖަހާ މަންޒަރު ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކާއި ރިޕޯޓްތައް ވަނީ ލިބިފައި. އަނިޔާވެރިކަމުން ސަލާމަތްވުމަށް ދާ ރެފިއުޖީންގެ ގަޔަށް ދަނީ ބަޑިޖަހަމުން،" ޒައިދު ރާދު ވިދާޅުވި އެވެ. "މިއަންމާ ސިފައިން މިހާރު ހިންގާ އަނިޔާވެރި އޮޕަރޭޝަން ހުއްޓާލުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލަން."