11 ސެޕްޓެމްބަރ 2017 - 14:20

ދުވުމަށް ލޯބިކުރާ ދިވެހިންނަށް 2013 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަސް ވެގެންދިޔައީ ވަރަށް ތާރީހީ ދުވަހަކަށެވެ. އެ ދުވަހަކީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ނަމަކަށް ކިޔާ ކުޑަ ކުންފުންޏަކުން ރާއްޖޭގެ ދިގު ރާސްތާ ދުވުމުގެ އިވެންޓްތަކަށް އިންގިލާބީ ބަދަލެއް ގެނައި ދުވަހެކެވެ. އެ ދުވަހު ޓީއެފްޖީން ފެށި މަސައްކަތުގެ ހެޔޮ އަސަރު، މިއަދު ދުވުމުގެ ކޮންމެ އިވެންޓަކަށް ބަލާލި ނަމަވެސް ފެންނާނެ އެވެ.

އެ އުފާވެރި ހަބަރު ޓީއެފްޖީން އެންމެ ފުރަތަމަ ދިނީ އޭގެ ދެ ދުވަސް ކުރިން ދަރުބާރުގޭގައި ބޭއްވި "ސެލެބްރޭޓް ރަނިން" އިވެންޓުގަ އެވެ. ޓީއެފްޖީގެ އޭރުގެ ޓެކްނިކަލް ޑިރެކްޓަރު ހުސެއިން ޒިނާން ބުނީ "ޓީއެފްޖީން ބާއްވާ ފުރަތަމަ ކޮކާކޯލާ ލޯންގް ރަންގެ ކޮންމެ ބައިވެރިއެއްގެ ބޫޓުގައި ޓައިމިން ޗިޕެއް ހަރުކުރާނެ" ކަމަށެވެ. ރޭސް ނިންމި ވަގުތު ބެލުމަށް ދަތި އުނދަގޫތަކާ ކުރިމަތިލަމުން ދިޔަ ދުވުންތެރިންނަށް ވަރަށް އުފާވެރި ހަބަރެކެވެ.

ފެބްރުއަރީ 15 ވަނަ ދުވަހު ޓީއެފްޖީގެ ފުރަތަމަ ލޯންގް ރަންގެ ބައިވެރިން ހުޅުމާލޭގެ މަގުތައް މަތީ ފަހުރުވެރިކަމާ ދުވަމުން ދިޔައީ ބޫޓުގައި ޓައިމިން ޗިޕެއް ހަރުކޮށްގެންނެވެ. ދުވަމުން ދިޔަ ވަގުތު، ދިޔައީ ރެކޯޑްކުރެވެމުންނެވެ. ރޭސް ނިންމާލުމާ އެކު ވަގުތުން ވަގުތަށް، ދުވި ޓައިމިން އެއޮތީ ފެންނާށެވެ. އެއާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންމެ އަހަރަކު ދުވުމުގެ އިވެންޓް ބާއްވަމުން އައި ދިރާގުން ޓައިމިން ޓެކްނޮލޮޖީ ގެނަ އެވެ
ޓީއެފްޖީން އެންމެ ފުރަތަމަ ވީ ވައުދާ އެއްގޮތަށް އޭގެ ފަހުން މިއަދާ ހަމައަށް ވެސް ލޯންގް ރަންގެ ކޮންމެ ބައިވެރިއަކަށް އެ ޓެކްނޮލޮޖީ އަންނަނީ ފޯރުކޮށްދެމުންނެވެ. ބޫޓުގައި ހަރުކުރި ޓައިމިން ޗިޕަކުން ފެށި ނަމަވެސް މިހާރު އެއީ ދުވާ ބިބުގައި ހަރުކުރާ ބިބް ޗިޕެކެވެ. މާބޮޑަށް ވެސް ފަސޭހަ އެވެ.
ޓީއެފްޖީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިސްތޯ ވިދާޅުވި ގޮތުގައި ރޭހުގައި ޓައިމިން ޓެކްނޮލޮޖީ ހިމެނުން ވެގެން ދިޔައީ ރޭހުގެ އިންތިޒާމް ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމެއް ކަމަށެވެ.
"ހަމައެކަނި އަގުބޮޑުވީކީ ނޫން. އޭރު އެ ހުރިހާ ކަމެއް ވެސް ވެގެން ދިޔައީ އޮޅުންބޮޅުން ގިނަ މަސައްކަތަކަށް. މި ތަކެތި އިންޑިއާ އިން ރާއްޖެ ގެނައުމުގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ. ޓެކްނިކަލް އެކްސްޕާޓުން އިންޑިއާ އިން ގެނެސް، އަދި މި ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތް ވެސް އެނގިގެން ދިޔަ. އަދި ބާޒާރުގައި ލިބެން ހުރި ޓައިމިން ޓެކްނޮލޮޖީގެ އެހެން އޮޕްޝަންތައް ވެސް އެނގިގެން ދިޔަ،" މިސްތޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގައި "ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތަކެއް" ދިޔަ ކަމަށާއި އެކަމަކު "އެކަން ހާސިލްކުރަން ތިބީ އަޒުމް ކަނޑައަޅައިގެން" ކަމަށެވެ.
ޓައިމިން ޓެކްނޮލޮޖީ ހިމަނައިގެން ޓީއެފްޖީން ހަތަރު ރޭހެއް ބާއްވާފައިވައިރު އެ ކުންފުނިން މިވަނީ މިކަމުގައި އިންވެސްޓްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން މި ޓެކްނޮލޮޖީގެ އެންމެ މުހިއްމު އެއް ބައި ކަމަށްވާ ޗިޕް ރީޑްކުރުމަށް ދުވުންތެރިން ހުރަސްކުރަން ޖެހޭ މެޓް އެ ކުންފުނިން ވަނީ ގަނެފަ އެވެ. އަދި ޓީއެފްޖީގެ ޓައިމިން ޕާޓްނަރު ކަމަށްވާ ތައިލެންޑް ކުންފުނިން ސިންގަޕޫރާއި އިންޑިއާ އަދި ޑުބާއީގެ ބާއްވާ ރޭސްތަކަށް އެ މެޓްތައް އަންނަނީ ކުއްޔަށް ދޫކުރަމުންނެވެ.
ހުޅުމާލޭގައި ބާއްވަމުން އަންނަ ލޯންގް ރަން މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރެހި ޕްލޭނުގެ ދަށުން ބާއްވާ ފުރަތަމަ ރޭސް އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ޓީއެފްޖީން ބާއްވާއިރު ވެސް މި ޓެކްނޮލޮޖީ ބޭނުންކުރާނެ އެވެ.
"ރަން އިން އައްޑޫ" އަކީ ތަފާތު ރޭހެކެވެ. ތަފާތު ރޫޓެކެވެ. ހުޅުމާލޭ ރޭހުގައި ނުފެންނާނެ ފަދަ ގުދުރަތީ ރީތި މަންޒަރުތަކާއި އިމާރާތްތަކާއި އެނޫން ވެސް ތަފާތު ކަންކަން ތަޖުރިބާކުރެވޭނެ ރޭހެކެވެ. އެކަމަކު މި ރޭހުގެ ވެސް އެންމެ ބޮޑު އުސްއައްޔަކަށް ވާނީ މީގެ ހަތަރު އަހަރު ކުރިން ޓީއެފްޖީން ރާއްޖެ ގެނައި ޓައިމިން ޓެކްނޮލޮޖީ އެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުގެ ތެރެއިން ލާފައި ހިތްގައިމު މާހައުލެއްގައި ދުވަމުންދާއިރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރޭސް ނިންމުމަށް ފަހު ވަގުތުން ވަގުތަށް ޓައިމިން ބެލުމެވެ.