އޭޝިއާ އާއި ޕެސިފިކުން އައި ޓޫރިސްޓުންގެ އަދަދު 4 ޕަސެންޓް ދަށަށް
އޭޝިއާ އާއި ޕެސިފިކުން އައި ޓޫރިސްޓުންގެ އަދަދު 4 ޕަސެންޓް ދަށަށް

ޗައިނާ ހިމެނޭ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ޖުލައި މަހު ހަތަރު ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި، މިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޝިއާ އާއި ޕެސިފިކް ސަރަހައްދުން މިދިޔަ ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 57،577 ޓޫރިސްޓުންނެވެ. ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އެ ސަރަހައްދުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 113،175 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 2.5 ޕަސެންޓް ކުރިއެރުމެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ވެސް ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުން މިދިޔަ ޖުލައި މަހު އައި އަދަދު ވަނީ ހަ ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގައި 30 ޕަސެންޓް ހިއްސާކުރާ ގައުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު އެ ގައުމުން އެކަނިވެސް 34،276 ޓޫރިސްޓުން ރާއްޖެ އައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޝިއާ އާއި ޕެސިފިކް ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް ޔޫރަޕުން އައި މިންވަރު ވަނީ 11.4 ޕަސެންޓް އިތުރުވެފަ އެވެ. އެ ސަރަހައްދުން މިދިޔަ ޖުލައި މަހު 42،192 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.