12 ސެޕްޓެމްބަރ 2017 - 06:02

މި މަހުގެ 27 ގައި ކުރާ ފިލްމް "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މި މަހުގެ 15 އިން ފެށިގެން ވިއްކާ ފަށާ ގޮތަށް ނިންމައިފި އެވެ.
ފިލްމުގެ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ ފިލްމުގެ ޓިކެޓް މިހާރު ވެސް ބުކްކޮށް ދެމުން އަންނަ އިރު، އޮލިމްޕަސް ސިނަމާ އިން ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ފިލްމުގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކާނީ 100ރ. އަށެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ނޭދެން ވަކިވާކަށް" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ފިލްމަކުން އަލަށް ފެނިގެންދާ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
މީގެ އިތުރުން ފިލްމުގެ ސަޕޯޓިން ކާސްޓުން ފިލްމީ ދާއިރާގެ ތަޖިރިބާކާރު އެކްޓަރުންތަކެއް ފެނިގެން ދާނެ އެވެ.
މާއެނބޫ ބުނީ އއ. ތޮއްޑު އާއި މާލޭގައި މައިގަނޑު މަންޒަރުތައް ނަގާފައިވާ "ނޭދެން ވަކިވާކަށް" ގެ ހުރިހާ މަސަައްކަތެއް މިހާރު އޮތީ ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ހަމައެކަނި ފިލްމް ޕޮލިޝްކޮށްލުން ކަމަށެވެ.
"ބެލުންތެރިންނަށް އަހަރެން ދޭން އޮތް ޔަގީން ކަމަކީ ބަލާހިތްވާ ކަހަލަ ލޯބީގެ ރީތި އަދި މޮޅު ފިލްމަކަށް މި ފިލްމް ވާނޭ،" އޭނާ ބުންޏެވެ. "މިއީ ހަމަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމަށް ވާނެ."
މާއެނބޫ ބުނީ 27 އިން ފެށިގެން "ނޭދެން ވަކިވާކަށް" ދައްކަން ފެށި ނަމަވެސް، އޮލިމްޕަހުގައި ޝޯތައް ދައްކާނެ އަދަދެއް ކަނޑަނާޅާ ކަމަށެވެ.
"ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ.
"ނޭދެން ވަކިވާކަށް" އަކީ މި އަހަރު އަޅުވާ ހަތް ވަނަ ފިލްމެވެ.