12 ސެޕްޓެމްބަރ 2017 - 06:02

ލޯބިވެރިޔާ އަދި ޑައިރެކްޓަރު ޑެރެން އެރޮނޮފްސްކީގެ ކޮމެޑީ ފިލްމެއް ބަލައިލަން ވަރަށް ބޭނުން ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ ލޮރެންސް ބުނެފި އެވެ.
މިހާރު ކުރިއަށް ޓްރޮންޓޯ އިންޓެނަޝަލް ފިލްމް ފެސްޓިވަލް (ޓީއައިއައިއެފް) ގައި ބައިވެރިކޮށްފައިވާ ޑެރެން ޑައިރެކްޓްކޮށް، އޮސްކާ ހޯދާފައިވާ ބަތަލާ ކުޅުނު ފިލްމް "މަދާ" ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، "ހަންގާ ގޭމްސް" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ލޮރެންސް ބުނީ ޑެރެން އާންމުކޮށް ހަދަނީ ތަންކޮޅެއް ސީރިއަސް ފިލްމްތައް ކަމަށެވެ.
"އެހެންވެ އަހަރެން ވަރަށް ބޭނުން ޑެރެން އޯޑިއަންސް ހެއްވާލާ ކަހަލަ ފިލްމެއް ހަދަން،" އޭނާ ބުންޏެވެ. "އެކަމަކު ބުނެލަން އޮތް ވާހަކަ އަކީ މަދާ އަކީ އަހަރެން ވަރަށް ގަޔާވެގެން މަސައްކަތް ކުރި ފިލްމެކޭ. މިއީ ވަރަށް ހިތްގައިމު ތަޖުރިބާއެއް."
ލޮރެންސްގެ މި ވާހަކަތަކަށް އިޝާރާތްކޮށް، ޑެރެން ބުނީ ބިރުވެރި ފިލްމް "މަދާ" ގައި ވެސް ހެއްވައިލާ ކަހަލަ ކަންކަން ހުންނާނެ ކަމަށެވެ.
އޭނާ ބުނީ މި ފިލްމަކީ އޭނާ މީގެ ކުރިން ހެދި ފިލްމްތަކާ ހިލާފަށް ބެލުންތެރިން މާ ބޮޑަށް ވެސް ގަޔާވާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ކިތަންމެ ކަންތައްތަކެއް ހުންނާނެ ކަމަށް ބުންޏެވެ.
"އަަހަރެން މި ފިލްމް އޯޑިއަންސާ އެކު ވެސް ބަލައިފިން މިހާރު، ހަމަ ގައިމު ވެސް އޯޑިއަންސް ވަރަށް އެންޖޯއި ކުރި ފިލްމެއް މިއީ،" ބްލަކް ސްވޯން އާއި ނޯއާ ފަދަ ފިލްމްތައް ގެނެސް ދިން ޑެރެން، 48، ބުންޏެވެ.
ލޮރެންސް، 27، އާއި ޒޭވިއާ ބާޑެމް ލީޑް ރޯލް ކުޅެފައިވާ "މަދާ" ގައި ކިޔައި ދެނީ ދެމަފިރިއަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއްގެ ވާހަކަ އެވެ.
މި ފިލްމް އާންމުކޮށް ސިނަމާތަކުގައި ދައްކަން ފަށާނީ މި މަހުގެ 15 އިން ފެށިގެންގެނެވެ.