"ލޯބިން" އުޅުނު އަނބިމީހާ ބޭޒާރުކޮށްލައިފި
"ލޯބިން" އުޅުނު އަނބިމީހާ ބޭޒާރުކޮށްލައިފި

އަނބިމީހާ ފިރިމީހާއަށް އަނިޔާކުރާ ވާހަކަ ބުނުމުން ގަބޫލުކުރަން ވަރަށް އުނދަގޫވާނެ އެވެ. އެހެންވެ މި ފިރިހެން މީހާ އެ ވާހަކަ ދައްކަން ޖެހިލުންވި އެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅަން ވެސް ހުރީ ނުކެރިފަ އެވެ.

އިނގިރޭސި ވިލާތުގެ މީހެއް ކަމަށްވާ ނީލް ޓްވީޑީ، 45، އަށް އޭނާގެ އަންހެނުންގެ ފަރާތުން ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން އަނިޔާ ލިބެން ފެށި އެވެ. އަނިޔާކުރުމަށް ފަހު ބޭރު ސޯފާގައި ނިދަން ވެސް ބާއްވަ އެވެ.

ޓްވީޑީގެ ވަކީލް ޖޭމްސް ސްޓްރީޓް ކޯޓުގައި ބުނި ގޮތުގައި ޓްވީޑީގެ އަންހެނުންނަކީ ވަރަށް ގަދަޔަށް ރާބޯ މީހަކަށް ވާތީ ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަނިޔާކުރަނީ އެވެ. ނަމަވެސް މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ޓްވީޑީ ނިންމީ ދަރިއެއް ލިބި އެ ދަރިއަށް ހަތަރު އަހަރުވީ އިރު ވެސް އަނިޔާތައް ނުހުއްޓުމުންނެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ ކުރިން ޓުވީޑީ ވަނީ ގްރޭޓް މެންޗެސްޓާގައި ހުންނަ މި ދެމަފަރިިންގެ ގޭގައި، އަންހެނުންނަށް ސިއްރުން ކެމެރާ ހަރުކޮށް އަނިޔާކުރާ މަންޒަރުތައް ރެކޯޑްކޮށްފަ އެވެ. އެއީ އޭނާ ދައްކާ ވާހަކަ ފުލުހުން ގަބޫލު ނުކޮށްފާނެތީ އެވެ. އޭނާ ވަނީ މީގެ މަންޒަރުތައް ދެ މަސް ދުވަސް ވަންދެން ރެކޯޑްކޮށްފަ އެވެ. ބައެއް މަންޒަރުތަކުގައި، ފިރިމިހާއަށް އަނިޔާކުރާއިރު ދަރިފުޅު ބަލަން ހުންނަ ތަން ވެސް ފެނެ އެވެ.

ކައިވެންޏަށް 16 އަހަރު ވެފައިވާ މި ދެ މީހުންގެ ސޯޝަލް މީޑިއާއަށް ބަލާއިރު ފެންނަނީ ވަރަށް އުފާވެރިކޮށެވެ. ވަރަށް ގިނައިން ތަންތަނަށް ޗުއްޓީ ހޭދަކުރަން ގޮސް ފޮޓޯތައް އަޕްލޯޑްކޮށްފައި ހުރެ އެވެ.

މައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރުމަށް ފަހު، މެންޗެސްޓާ މެޖިސްޓްރޭޓް ކޯޓުގައި ހެލަން ވަނީ އޭނާގެ ފިރިމީހާއަށް އަނިޔާކުރި ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ ފިރިމިހާއާ އެއްވެސް ގޮތަކަށް ގުޅުން ނުބާއްވަން ކޯޓުން ވަނީ ހެލަން އަށް އަމުރު ކޮށްފަ އެވެ. އަދި މުސާރަ ނުލިބޭ ގޮތަށް 120 ގަޑިއިރު މަސައްކަތްކުރަން ވެސް ކޯޓު އަމުރުގައިވެ އެވެ.

ޓްވީޑީ ފަހުން ބުނި ގޮތުގައި އޭނާގެ އަންހެނުންނަކީ ވަރަށް މޮޅު ޓީޗަރެކެވެ. ހެނދުނު މަސައްކަތް ފަށާ ގޮތަށް ރޭގަނޑު ވަންދެން ވެސް އުޅެނީ މަސައްކަތުގައި ކަމަށާއި ހުރިހާ ވެސް މައްސަލަ އަކީ ރާބުއިން ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ މެންކައިންޑް އިނިޝިއޭޓިވް އިން 2017 ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން އެ ގައުމުގައި ގެވެށި އަނިޔާގެ ޝިކާރައަށްވާ ކޮންމެ ތިން މީހަކުން އެކަކީ ފިރިހެނެކެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި އަނބިމީހާ އަނިޔާކުރިޔަސް ގިނަ ފިރިހެނުން އެ ވާހަކަ އެހެން މީހުން ކައިރިއަކު ނުބުނެ އެވެ.