11 ސެޕްޓެމްބަރ 2017 - 12:47

ޓިއުރިން (ސެޕްޓެމްބަރު 11) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާދަމާރޭ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސްގެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ކްލައުޑިއޯ މާކީޒިއޯ އާއި ސާމީ ކެދީރާ އަށް ނުކުޅެވޭނެކަން އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ކަށަވަރުކޮށްދީފި އެވެ.
އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކިއޭވޯ ވެރޯނާ އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ވެސް މި ދެ ކުޅުންތެރިން ނުކުޅެ އެވެ. ބާސެލޯނާއާ ދެކޮޅަށް އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އަށް ވެސް ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ކިއޭވޯ މެޗުގައި ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒުކިޗް ވެސް ފޭބީ ކޮންމެވެސް ވަރެއްގެ އަނިޔާއަކާ އެކު އެވެ. އެކަމަކު އޭނާ އަށް އަދި ފުލްބެކް އެލެކްސް ސެންޑްރޯ އަށް ކުޅެވޭނެ ކަމަށް އެލެގްރީ އުއްމީދުކުރެ އެވެ. ކިއޭވޯ މެޗުގައި ސެންޑްރޯ ނުކުޅުނީ ހުމުގެ ސަބަބުންނެވެ.
ޔުވެންޓަސް އިން ވަނީ މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބާސެލޯނާ 3-0 އިން ބަލިކޮށްފަ އެވެ. އެކަމަކު އެ މެޗުގައި ޔުވެންޓަސްގެ ޑިފެންސް ބެލެހެއްޓި ކުޅުންތެރިންގެ ތެރެއިން މާދަމާރޭ ކުޅޭނެ ކަމަށް ބެލެވޭ ހަމައެކަނި ކުޅުންތެރިއަކު އަންދްރޭ ބަރްޒާލީ އެވެ. ކިއެލީނީ އަނިޔާ އިން މުޅިން ފިޓްނުވާއިރު ލިއޮނާޑޯ ބޮނޫޗީ ވަނީ އޭސީ މިލާނަށް ވިއްކާލައިފަ އެވެ.
ބަރްޒާލީ ބުނީ މީގެ ފަސް މަސް ދުވަސް ކުރީގެ މެޗާ ބަލާއިރު މި މެޗު ވަރަށް ތަފާތު ކަމަށެވެ.
"އޭރު އެއީ ކުއާޓާ ފައިނަލް މެޗެއް. މިފަހަރު މިއީ ގްރޫޕް ސްޓޭޖުގެ މުހިއްމު ތިން ޕޮއިންޓަށް ކުޅޭ މެޗެއް،" ބަރްޒާލީ ބުންޏެވެ.