ޑިޕްރެޝަނަކީ ޖިސްމާނީ ބައްޔެއް ކަމަށް ބުނަން ފަށައިފި
ޑިޕްރެޝަނަކީ ޖިސްމާނީ ބައްޔެއް ކަމަށް ބުނަން ފަށައިފި

ޑިޕްރެޝަނަކީ ނަފްސާނީ ބައްޔެއް ނޫން ކަމަށާއި އެއީ އިންސާނާގެ ދިފާއީ ނިޒާމަށް މެދުވެރިވާ މައްސަލަތަކެއްގެ ސަބަބުން ދިމާވާ ޖިސްމާނީ މައްސަލައެއް ކަމަށް ސައިންސްވެރިން މިހާރު ގަބޫލު ކުރެ އެވެ. އަދި މި ބައްޔަށް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް ދީގެން ފަރުވާ ކުރެވިދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

އިނގިރޭސި ވިލާތުގެ ސިއްހީ އިދާރާތަކުން ލަފާކުރާ ގޮތުގައި އެ ގައުމުގެ ކޮންމެ 13 މީހަކުން އެކަކީ ޑިޕްރެޝަން ނުވަތަ އެންޒައިޓީގެ ޝިކާރައަކަށް ވެފައި ތިބި މީހުންނެވެ. އަދި މިފަދަ މީހުންނަށް 64.7 މިލިއަން ބޭސް ސިޓީގެ އެންޓިޑިޕްރެސެންޓް އަހަރަކު ލިޔެދޭ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ލިޔެދިން ބޭސް ސިޓީގެ ނިސްބަތަށް ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. ޑިޕްރެޝަނާ ޚިލާފަށް އެންޒައިޓީގެ މައްސަލަތައް ދިމާވުމުން ހިތް ބިރުގަތުމާއި ނުތަނަވަސްވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

ޑިޕްރެޝަން ފަދަ މައްސަލަތަކަށް މި ވަގުތު ބޭސްކުރަނީ ސެރެޓޯނިން ފަދަ، ސިކުނޑިން ރިލީޒްކުރާ މޫޑު ރަނގަޅުކޮށްދޭ ކެމިކަލްތައް އިތުރަށް އުފެއްދޭނެ ކަހަލަ ފަރުވާ ދީގެންނެވެ. ނަމަވެސް ތަޖުރިބާކާރުން މިހާރު ބުނަނީ ދިފާއީ ނިޒާމުގެ މަސައްކަތް ކުރަންޖެހޭ މިންވަރަށް ވުރެ މާ ބާރަށް ކުރަން ފެށުމުން މުޅި ހަށިގަނޑުގައި އިންފްލެމޭޝަނެއް އުފެދޭ ގޮތް ވަނީ ކަމަށެވެ. އަދި މީގެ ނަތީޖާއަކަށް ވަނީ އުންމީދު ގެއްލި، އުފާވެރިކަން ގެއްލި އަދި އިންތިހާއަށް ވަރުބަލިވުމުގެ އިހްސާސްތަކެއް ކުރެވުން ކަމަށެވެ.

މީގެ ހެއްކެއްގެ ގޮތުން ސައިންސްވެރިން ފާހަގަކުރީ ބަލިވެ އުޅޭ މީހެއްގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ޑޮކްޓަރުން ބޭސް ދެއްވުމުން އާއްމުކޮށް އެފަދަ މީހުންގެ މޫޑު ބަދަލުވާ ގޮތް ވުމެވެ. ބައެއް މީހުންނަށް ވެކްސިން ދިނުމުން ވެސް ހަމަ މިގޮތަށް މޫޑު ގޯސްވާ ކަމަށް ވެއެވެ.

ޔުނިވަސިޓީ އޮފް ކެމްބްރިޖްގެ ޑިޕާޓްމަންޓް އޮފް ސައިކޭޓްރީގެ ހެޑް ޕްރޮފެސަރު އެޑް ބުލްމޯ ގަބޫލުކުރާ ގޮތުގައި އިމިއުނޯ-ނިއުރޮލޮޖީ ކިޔާ މުޅިން އާ ދާއިރާއެއްގެ ކޮޅުމަތި މިހާރު ވަނީ ފެނިފަ އެވެ.

ލަންޑަންގައި މި ހަފުތާގައި އޮތް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް ފޯރަމްގައި ޕްރޮފެސަރު ވިދާޅުވީ އިންފްލެމޭޝަނެއްގެ ސަބަބުން ޑިޕްރެޝަންގެ މައްސަލަތައް ދިމާވާކަން މިހާރު ވަނީ ވަރަށް ރަނގަޅަށް ސާފުވެފަ އެވެ. ނަމަވެސް ޔަގީން ނުވަނީ މިކަން ދިމާވާ ސަބަބެކެވެ.

އިންފްލެމޭޝަންއާ ދެކޮޅަށް ދޭ ފަރުވާއަކުން ޑިޕްރެޝަން ހުއްޓުވޭނެތޯ ބެލުމަށް، އަންނަ އަހަރުގެ ތެރޭގައި ޓްރައަލްތަކެއް ފަށަން ކެމްބްރިޖް އަދި ވެލްކަމް ޓްރަސްޓްގެ ސައިންސްވެރިން މިހާރު އުންމީދުކުރެ އެވެ.

"ލިބިފައިވާ ހެކީގައި އަލީގައި މިގޮތަށް މިކަން ކުރެވިދާނެކަމަށް އުންމީދުކުރަން،" ޕްރޮފެސަރު ވިދާޅުވި އެވެ.