11 ސެޕްޓެމްބަރ 2017 - 11:59

ބާސެލޯނާ (ސެޕްޓެމްބަރު 11) – ސްޕެނިޝް ލީގުގެ އެހާ ކުރީކޮޅު ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ ކުރީގައި އޮތުމުން އުފާވާކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
މި ސީޒަނާ ބާސެލޯނާ ކުރިމަތިލީ މުހިއްމު ކުޅުންތެރިއާ ނޭމާ އެ ޓީމު ދޫކޮށް ޓީމު ނިކަމެތިވެފައި ވަނިކޮށެވެ. އަދި އެ ޓީމުން ގެންނަން ބޭނުންވި ބައެއް ކުޅުންތެރިން ވެސް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު ފުރަތަމަ ތިން މެޗުން މޮޅުވެ އެ ޓީމު މި ވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގަ އެވެ. ރެއާލް މެޑްރިޑް އޮތީ ފަސް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ވަލްވާޑޭ ބުނީ ސީޒަނުގެ ކުރީކޮޅަށް ވުމުން މިއީ މާބޮޑު ކަމަކަށް ނުވީ ނަމަވެސް ރެއާލް މެޑްރިޑަށް ވުރެ ކުރީގައި އޮތުމުން ހިތްހަމަޖެހޭ ކަމަށެވެ.
"މިއީ މާބޮޑު ތަފާތެއް ނޫން. އެކަމަކު (މެޑްރިޑުގެ) ފަހަތުގައި އޮތުމަށް ވުރެ ކުރީގައި އޮތުން ރަނގަޅީ،" ވަލްވާޑޭ ބުންޏެވެ. "ވާނެ ގޮތެއް ބުނަން ނޭގޭނެ. މިކަމުން (މެޑްރިޑަށް ވުރެ ކުރީގައި އޮތުމުން) އެއްވެސް ކަމެއް ދޭހައެއް ނުވޭ. އެކަމަކު ކުރީގައި އޮތުމަކީ އަބަދުވެސް ހިތްހަމަޖެހުމެއް."
ހޮނިހިރު ދުވަހުގެރޭ އެސްޕަންޔޯލް އަތުން 5-0 އިން ބާސެލޯނާ މޮޅުވި މެޗުގައި، އެ ޓީމާ އަލަށް ގުޅުނު ވިންގާ އޮސްމާނޭ ޑެމްބެލޭ ވަނީ ކުޅެން އަރައި ލުއިސް ސުއަރޭޒަށް ލަނޑެއް ޖަހަން މަގުފަހިކޮށްދީފަ އެވެ.
ވަލްވާޑޭ ބުނީ އޭނާ އާއި ޕައުލީނިއޯގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މަޑުމަޑުން ދެ ކުޅުންތެރިން ޓީމަށް ހޭނޭނެ ކަމަށެވެ.
ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ.