ދެ ތޫފާނުގައި އެމެރިކާ އަށް 290 ބިލިއަން ޑޮލަރުގެ ގެއްލުން
ދެ ތޫފާނުގައި އެމެރިކާ އަށް 290 ބިލިއަން ޑޮލަރުގެ ގެއްލުން

ވޮޝިންޓަން (ސެޕްޓެމްބަރު 11) - އެމެރިކާ އަށް އެރި ދެ ތޫފާން ކަމަށްވާ ހާވޭ އާއި އިރްމާގައި ލިބުނު އިގްތިސާދީ ގެއްލުން 290 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މޫސުން ލަފާކުރާ ކުންފުންޏެއް ކަމަށްވާ އެކިއުވެދާ އިން ބުނެފި އެވެ.

"ތޫފާން އިރްމާގައި ލިބުނު ގެއްލުން 100 ބިލިއަން ޑޮލަރަށް އަރާނެ. އެންމެ ގެއްލުން ބޮޑު ތޫފާނުތަކުގެ ތެރޭގައި މި ތޫފާން ހިމެނޭ،" އެކިއުވެދާގެ ސީއީއޯ އަދި ފައުންޑަރު ޖޮއެލް މަޔާސް ވިދާޅުވި އެވެ.

ޓެކްސަސް އާއި ލޫސިއާނާގެ ބަޔަކަށް މިދިޔަ މަހު ފަހުކޮޅު އެރި ތޫފާން ހާވޭގައި 190 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މިއީ އެމެރިކާގެ ތާރީޚުގައި ވެސް މޫސުމީ އެންމެ ބޮޑު ގެއްލުން ކަމަށް އެކިއުވެދާ އިން ބުނެފައިވެ އެވެ.

ދެ ތޫފާނުގައި އެމެރިކާ އަށް ލިބުނު ގެއްލުން އެ ގައުމުގެ ޖީޑީޕީގެ 1.5 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ތޫފާންތަކުގައި ލިބުނު ގެއްލުން އެސްޓިމޭޓްކޮށްފައި ވަނީ ވިޔަފާރި އަށް ލިބުނު ގެއްލުމާއި ވަޒީފާ ގެއްލުނު މީހުންގެ ރޭޓާއި ދަތުރުފަތުރާއި އިންފްރާސްޓްރަކްޗާ އަށް ލިބުނު ގެއްލުމާއި ދަނޑުވެރިކަމަށް ލިބުނު ގެއްލުން އަދި ތެލުގެ އަގު މައްޗަށް ދާނެ ނިސްބަތަށް ބަލައިގެންނެވެ.

މަޔާސް ވިދާޅުވީ މި ގެއްލުންތަކުން އިންޝުއަރެންސް އިން ކަވާކޮށް ދޭނީ ވެސް ބައެއް ކަމަށެވެ.

ތޫފާން އިރްމާ ވަނީ އާދިއްތަ ދުވަހު ފްލޮރިޑާ އަށް އަރައިފަ އެވެ. އެ ތޫފާނުގައި އުފެދުނު ބޮޑު ރާޅާ ގުޅިގެން މަޔާމީ ފަދަ ސިޓީތަކުގެ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ތޫފާން ހާވޭ އޮގަސްޓް މަހު ފަހުކޮޅު ޓެކްސަސް އަށް އަރާ ބައެއް ތަންތަނަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. އެމެރިކާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހިއުސްޓަންގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. މިއީ ކެޓަގަރީ 4 ގެ ދެ ތޫފާން އެއް އަހަރެއްގައި އެމެރިކާ އަށް އެރި ފުރަތަމަ ފަހަރެވެ.