12 ސެޕްޓެމްބަރ 2017 - 06:03

އިންޑިޔާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހްވާލްގެ ބައޮޕިކްގެ ތައްޔާރީތައް ފިލްމީ ބަތަލާ ޝްރައްދާ ކަޕޫރު ފަށައިފި އެވެ. އެގޮތުން ޝްރައްދާ ވަނީ ހައިދަރްއާބާދަށް ގޮސް ސައިނާއާ ބައްދަލުކޮށް އޭނާއާ އެކު ބައެއް ތަމްރީނުތަކުގައި ބައިވެރިވެފަ އެވެ.
ބެޑްމިންޓަން ކުޅުމުގައި އޭނާ ގެންގުޅޭ ބައެއް ހުނަރާއި ހަރަކާތްތައް ބަހައްޓާ ބައެއް ޚާއްސަ ގޮތްތައް ވެސް ސައިނާ ވަނީ ޝްރައްދާ އަށް ކިޔައިދީފަ އެވެ. އަދި ދެ މީހުން އެކުގައި ބައެއް ޕްރެކްޓިސް ސެޝަންތައް ވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ.
ޝްރައްދާ އާއި ސައިނާ އަކީ ކުރިއްސުރެ ވެސް ދެ ރައްޓެހިންނަށް ވާތީ، ސައިނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ކުރަން ފަސޭހަ ވެފައިވެ އެވެ. ފިލްމުގެ ޑައިރެކްޓަރު ބުނި ގޮތުގައި ސައިނާ ބައޮޕިކަށް އޭނާގެ ފުރަތަމަ ހޮވުމަކީ އަބަދުވެސް ޝްރައްދާ އެވެ.
ސައިނާއާ ބައްދަލުކުރުމުގެ ކުރިން ވެސް ބައޮޕިކްގެ ތަމްރީނުތައް ޝްރައްދާ ވަނީ ފަށައިފަ އެވެ. އެގޮތުން ދީޕިކާގެ ބައްޕަ ޕްރަކާޝް ޕަދުކޯންގެ އެކަޑަމީގައި ޚާއްސަ ކޯޗެއްގެ އިރުޝާދުގެ ދަށުން ޝްރައްދާ އަންނަނީ ތަމްރީނު ވަމުންނެވެ.
ޝްރައްދާ ބުނެފައިވާ ގޮތުގައި ސައިނާގެ ބައޮޕިކް އަކީ އޭނާ މިހާތަނަށް ކުޅޭ އެންމެ އުނދަގޫ ފިލްމެވެ. ސަބަަބަކީ ސައިނާ މުޅި އުމުރުގައި ކުޅުނު ކުޅިވަރެއް އޭނާއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދައްކަން ޖެހޭތީ އެވެ. އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ މި ފިލްމު އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައި ވިޔަސް އަދި ޝޫޓިން ފެށޭނެ ދުވަހެއް ނޭނގެ އެވެ.