12 ސެޕްޓެމްބަރ 2017 - 06:01

ކަންގަނާ ރަނާވަތުގެ އާ ފިލްމު "ސިމްރަން" ގެ ޕްރޮމޯޝަން މަސައްކަތުގައި ދިން އިންޓަވިއުތަކުގައި އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި ބޭނުންވި ހުރިހާ ކަމެއް އޭނާއަށް މިހާރު ވަނީ ހާސިލުވެފަ އެވެ.
ކަންގަނާގެ އިންޓަވިއުތަކުގައި ދެއްކި ވާހަކަތައް ކިޔާފައި ގިނަ ބަޔަކު ބުނަނީ މިއީ ފިލްމެއްގެ ޕްރޮމޯޝަން އިންޓަވިއުއަކަށް ވުރެ ކަންގަނާގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރަން ދީފައިވާ އިންޓަވިއުތަކެއް ކަމަށެވެ.
ހިތަށް އެރި ކޮންމެ ވާހަކައެއްވެސް ޖެހިލުމެއް ނެތި ދައްކާ ކަންގަނާ "ސިމްރަން"ގެ ޕްރޮމޯޝަނަލް އިވެންޓްތަކުގެ ބޭނުން ވެސް ހިފަމުން އަންނަނީ އޭނާ ހިތްހަމަނުޖެހިފައި ތިބި މީހުންނާ ދިމާ ކުރުމަށެވެ. އެގޮތުން ކަންގަނާގެ ހަމަލަތައް ފުރަތަމަ އަމާޒުވީ ރިތިކް ރޯޝަން އަށެވެ. އޭގެ ފަހުން ކަރަން ޖޯހަރަށް ވެސް މި ހަމަލާތައް އަމާޒުވި އެވެ. އަދި އޭނާގެ ކުރީގެ ބައެއް ލޯބިވެރިންގެ ތެރޭގައި ހިމެނޭ އަދިތުޔާ ޕަންޗޯލީ ފަދަ މީހުންނާ ވެސް ކަންގަނާ ވަނީ ދިމާކޮށްފަ އެވެ.
ކަންގަނާ ބުނި ގޮތުގައި އުމުރުން 15 އަހަރުގައި އޭނާ އަމިއްލަ ގެ އާއި މައިންބަފައިން ދޫކޮށް ފެށި ދަތުރަށް 15 އަަަހަރުވީއިރު އޭނާ ވަނީ ހާސިލުކުރަން ބޭނުންވި ވަރަށް ގިނަ ކަންތައްތައް ހާސިލުކޮށްފައި ކަމަށެވެ. އެގޮތުން ބޮލީވުޑްގައި ވެސް އޭނާއަށް ހޯދުނު ކާމިޔާބީތަކަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދުނު އެއްޗެއް ކަން ކަންގަނާ ފާހަގަކުރި އެވެ.
"އަހަންނަށް ތިން ފަހަރު ނެޝަނަލް އެވޯޑު ލިބިއްޖެ. އަހަރެންގެ ފިލްމުތައް ބޮކްސް އޮފީސް ރެކޯޑްތައް މުގުރާފައިވޭ. އެހެންވެ އަހަރެންގެ މި ދަތުރު މިހާރު މި ވަގުތު ނިމުނަސް އަހަންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް. ސަބަބަކީ ހާސިލުކުރެވިފައިވާ ކާމިޔާބީތައް އަހަންނާ އެކު މުޅި އުމުރަށް ވެސް ދެމި ހުންނާނެތީ،" ކަންގަނާ ބުންޏެވެ.
ބޮލީވުޑްގެ ބާރުގަދަ ބައެއް މީހުންނަށް ހަމަލާދޭން ފަށާފައިވާ ސަބަބު ވެސް ކަންގަނާ ކިޔައިދިނެވެ. އޭނާ ބުނީ މިހާރު އާދެވިފައިވާ ހިސާބުން އޭނާގެ ކެރިއަރަށާއި ހުނަރަށް ގެއްލުމެއް ދެވޭނެ މީހަކު ނެތް ކަމަށެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާގެ އުފަން އަވަށުގައި އޭނާ ވަނީ ވަރަށް ރީތި ފުރިހަމަ ގެއެއް ބިނާކޮށްފަ އެވެ. އަދި ބޭނުންވީމާ ފިލްމެއް ޑައިރެކްޓްކުރުން ފަދަ ކަމެއް ކޮށްލައިގެން އެ ގޭގައި އޭނާ ހިތްހަމަޖެހިލައިގެން މުޅި އުމުރަށް ވެސް އުޅެވިދާނެ ކަމަށް ބުންޏެވެ.